ޚަބަރު

ކޯވިޑް-19 : މިދަނޑިވަޅުގައި ދިވެހިންގެ އެންމެ ބޮޑު ހަތިޔާރަކީ އެއްބައިވަތަކަން - އަމީން


ކޯވިޑް-19ގެ ޙާލަތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެބޮޑު ކާމިޔާބީއަކީ އެންމެން އެކުގައި އެއްބައެއްގެ ގޮތުގައި ގުޅިގެން ކުރަމުންދާ މަސަކައްތްކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެގޮތުގައި އުފެދިފައިވާ ޤައުމަކަށް ވުމަކީވެސް މިކަމުން އަރައިގަތުމަށް ލިބިފައިއޮތް ނިޢުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 7ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. 2020ވަނަ އަހަރު ފާހަގަކުރަނީ ޢާއްމު ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމާއި، ޢާއްމު ސިއްޙަތު ކުރިއެރުވުމަށް މަސަައްކަތްކުރާ އަހަރުގެ ގޮތުގައެވެ.

ނަމަވެސް 2020ވަނަ އަހަރު މުޅި ދުނިޔެއާވެސް ބައްދަލުކުރީ ނުތަނަވަސްކަމާއެކުއެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުން 1.3މިލިއަނަށްއަރައި ކޮންމެ ދުވަހަކު މިބަލީގައި އެތަށް މަރުތަކެއް މިދަނީ ފެންމަތިވަމުންނެވެ. މިހާތަނަށް ކޯވިޑް ބަލީގައި ދުނިޔެއިން ހަތްދިހަ ހާހަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާގުޅިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ ޚިތާބުވެސް ޚާއްސަކުރެއްވީ މި ބަލިމަޑުކަމުގެ ވަބާއިން ރާއްޖެ ސަލާމަތް ވުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެެވެ.

ރާއްޖޭގައި ޢިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ޢާއްމު ސިއްޙަތުގެ ޤާނޫނުގެދަށުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި މިފަދަ ފުރަތަމަ ފަހަރެވެ. މިޙާލަތާ ގުޅިގެން މިހާތަނަށް 30އަށްވުރެ ގިނަ ނިންމުންތައް ރާއްޖޭގައި ވަނީ ނިންމާފައެވެ. މިހާލަތުގައިވެސް އެންމެ ގިނަ ފިޔަވަޅުތައް އަޅާފައިވަނީވެސް އާބާދީ ތޮއްޖެހިފައިވާ މާލެ ސަރަޙައްދަށެވެ.

މިފަދަ ނުރައްކާ ދަނޑިވަޅެއްގައި ސިއްޙީ އެހީތެރިންނައި ޑޮކްޓަރުން ކުރަމުންދާ މަސައްކަތުގެ އަގު ތާއަބަދަށް ވަޒަންކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިއްޙީ އެހީތެރިންގެ މަސައްކަތަކީ ކުރިއަށް އޮތް ޖީލަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތެއްކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"ދިވެހިންގެ އެންމެ އަގުހުރި ހަތިޔާރަކީ އެއްބައިވަންތަކަން. މިހާތަނަށްވެސް މިލިބުނު ކާމިޔާބީއަކީ އެންމެންގެ މަސައްކަތް. ދުނިޔެއިން އަންދާޒާކުރަމުންދާ އަންދާޒާތަކާއި ޚިލާފައި، ރާއްޖެއަށް އަދިވެސް މިކަމުން ސަލާމަތްވުމުގެ އުންމީދު އެބައޮތް. މިކަމުން މިންޖުވެވޭނެ ދުވަހެއް އަންނާނެ. މީގެ އަސަރު ކުޑަކޮށް އަންނަންއޮތް ޖީލަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދޭންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިތާބުގައިވަނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެއްދިފައި އޮތުމަކީވެސް މިފަދަ ދަނޑިވަޅެއްގެ އޭގެ ފައިދާ ކުރަންމުންދާ ނިޢުމަތެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖެ އުފެދިފައިވާ ގޮތަކީ މާތްﷲ ދެއްވި ނިއުމަތެއް. ނުރައްކާތެރި ރޯގާތަކުން ރައްކާތެރިވުމަށް ދެއްވި މާތް ނިޢުމަތެއް. އެހެންވީމައި މިހާރު ސަމާލްކަންދޭންވީ އާއްމު ދިރިއުޅުމުގެ އާދަތަކަށް. ފިހާރައަކަށް ދިޔަޔަސް ކިއުއަކަށް އެރިއަސް މީހަކާއި ބައްދަލުކުރަންޖެހުނަސް ދުރުމިން ބެހެއްޓުމަށް. މިނުރައްކާތެރި ބައްޔަކީ މުޅި އާބާދީ ނެތިދިއުމުގެވެސް ބިރުއޮތް ބައްޔެއް." މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

މިޚިތާބުގައި މިނިސްޓަރުގެ އެންމެ ބޮޑު އިލްތިމާސަކީ ގޭގައި މަޑުކުރުމަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާ އެންގުމާ އެއްގޮތަށް ޢަމަލުކުރުމެވެ. އަދި ކެތްތެރިކަމާއެކު އެންގުންތަކަށް ތަބާވާނަމަ މިޙާލަތުން ރާއްޖެއަށް އަރަގަނެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.