ޚަބަރު

އިތުރު 2 ހަފުތާއަށް އިންޑިޔާ ފުރަބަންދުކޮށްފާނެ


އިތުރު 2 ހަފުތާއަށް އިންޑިޔާ ފުރަބަންދުކޮށްފާނެކަމަށް އެޤައުމުގެ ބައެއް ރަސްމީ މަސްދަރުތަކުން ބުނެފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެގޮތުން 21 ދުވަހަށް އިންޑިޔާ ފުރަބަންދުކޮށްފައިވަނީ މާރޗް މަހުގެ 24ވަނަ ދުވަހުއެވެ. 21 ދުވަސް ހަމަވާނީ އޭޕްރިލް 14ވަނަ ދުވަހަށެވެ. ނަމަވެސް އިންޑިޔާގެ ގިނަ ސްޓޭޓުތަކުގެ ވިސްނުންހުރީ ފުރަބަންދުގެ މުއްދަތު އިތުރު 2 ހަފުތާއަށް އިތުރުކޮށް، އޭޕްރިލް މަހުގެ ނިޔަލަށް ދިގުދަންމާލުމަށެވެ. އެގޮތުން، އިންޑިޔާގެ ބޮޑެތި ސްޓޭޓުތައްކަމަށްވާ އުއްތަރު ޕްރަދޭޝްއާއި މަހާރާޝްތްރާއާއި ކަރްނާޓަކާގެ ވިސްނުންހުރީ އެގޮތަށެވެ. އަދި ރާޖަސްތާނާއި މަދްޔަ ޕްރެދޭޝްފަދަ ސްޓޭޓުތަކުގެ ވިސްނުންހުރީވެސް ފުރަބަންދުގެ މުއްދަތު އިތުރު 2 ހަފުތާއަށް އިތުރުކުރުމަށެވެ.

އިތުރު 2 ހަފުތާއަށް އިންޑިޔާ ފުރަބަންދުކުރުމާގުޅޭގޮތުން މަޝްވަރާކުރުމަށް އެޤައުމުގެ ނުފޫޒުގަދަ ވަޒީރުންތަކެއްވަނީ ބައްދަލުވުމެއްބާއްވާފައެވެ. ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ވަޒީރުންގެ ތެރޭގައި މާލީ ވަޒީރު ނިރުމަލާ ސިތަރަމަންއާއި ދިފާޢީ ވަޒީރު ރަޖުނާތު ސިންގް ހިމެނިވަޑައިގަންނަވައެވެ. 14 ވަޒީރުންގެ މެދުގައި ބާއްވާ ނުރަސްމީ މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވަޑައިގަންނަވަނީ ވެރިކަންކުރާ ބީޖޭޕީގެ ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ ދާޚީލީ ވަޒީރު އަމިތު ޝާހުއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިފަދަ ހަތަރު ބައްދަލުވުމެއް ދިފާޢީ ވަޒީރުގެ ގޭގައި މިހާތަނަށްވަނީ ބާއްވާފައެވެ.

މަޢުލޫމާތުހުރި މަސްދަރުތަކުން ބުނެފައިވަނީ އިންޑިޔާގެ ފުރަބަންދަށް ލުޔެއް ގެންނާނީ މަޑުމަޑުން ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި އެކަންކަމާގުޅޭގޮތުން ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވަނީ ލަފާދެއްވާފައެވެ.