ޚަބަރު

ކޯވިޑް-19 : ސަރުކާރު ބަންދުވިނަމަވެސް ދަރިވަރުންނަށް ފައިސާ ދޫކުރާނެ - ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވީނަމަވެސް ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ހަޔރަ އެޑިއުކޭޝަން މިނިސްޓރީން ވިދާޅުވެއްޖެއެވެ.

އެގޮތުން މަތީތަޢުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނާއި ސްކޮލަޝިޕާއި، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ތާވަލްތަކުގައި ވާ ގޮތުގެ މަތީން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ވަނީ ފައިސާ ދޫކޮށްފައެވެ.

ސަރުކާރު ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުޞޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ، 2 ބަޔަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި 2 ފަހަރެއްގެ މަތީންނެވެ.

މި ސްކީމްގެ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލު ބެލޭނެ އިންތިޒާމެއް ޤާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދުނުމުގެ ސްކީމު މިދިޔަ އަހަރު ތަޢާރަ ކުރިފަހުން މިހާތަނަށް މި ޕްރޮގްރާމްގައި 6000 އަށްވުރެން ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ޖުމުލަ 96.8 މިލިއަނަށްވުރެން ގިނަ ރުފިޔާ ދިވެހި ސަރުކާރުން މި ދަރިވަރުންނަށް ޚަރަދުކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްތްރީން ވިދާޅުވެއެވެ.