ޚަބަރު

ހިތްދަތި ޙާލަތުގައި އިންސާނީ ޚިދުމަތުގައި


ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 7ވަނަ ދުވަހަކީ ދުޔޭގެ ޞިއްޙަތު ދުވަހެވެ. މިދުވަސް އެބަޔަކަށް އެންމެ ޚާއްސަވެގެންދާ ބަޔަކީ ޞިއްޚީ ޚިދުމަތްތެރިންނެވެ. އެބޭފުޅުން ކުރައްވަމުންދާ ބުރަ މަސައްކަތާއި ޤުރުބާނީގެ އަގު ވަޒަންކުރުމަކީ މިއަދުގެ އެންމެ މުހުންމު އެއް މަޤުސަދެވެ.

ކޮންމެ ދުވަހަކު އެކި ބަލިބަލީގެ ވޭން ތަޙައްމަލުކުރަމުންދާ މީހުންނަށް ޚިދުމަތްދިނުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ބަލިބަލީގައި މަރާއި ހަގުރާމަކުރަމުންދާ އެތައް ބަޔަކަށް ހޭހަންކުރަމުންދާ އޯގާތެރިންނަކީ މިދެންނެވި ޞިއްޙީ ޚިދުމަތްތެރިންނެވެ.

މިއަހަރުގެ ޞިއްހަތުދުވަހާ މުޅި ދުނިޔެ ކުރިމަތިލާފައިވަނީ ޞިއްޙީ ބޮޑު މުސީބާތެއްގެ ތެރެއިންނެވެ. "ޕެންޑަމިކް"އެއް ނުވަތަ މުޅި ދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމެއްގެ ތެރެއިންނެވެ. ޞިއްޙީ ޙިދުމަތްތެރިންނަށާއި މުޅި ދުނިޔެއަށްވެސް މިއީ ދަތި އުނދަގޫ ޙަލަތެކެވެ. މިދެންނެވީ 2019ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ ވާހަކައެވެ. މިއީ ފަހުގެ ތާރީޚުގައި މުޅިދުނިޔެ ސިއްސުވާލި ބަލިމަޑުކަމެކެވެ.

ކޮރޯނާ ވައިރަސް ޑިސީސް 2019 ނުވަތަ ކޯވިޑް-19ގެ ނަމުން ނަންދީފައިވާ މިވައިރަސް މިއަދުވަނީ ދުނިޔޭގެ 200އަށްވުގެ ގިނަ ޤައުމު އިނދަޖައްސާލާފައެވެ. މިބަލީގައި އެތައްހާސްބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ބަޔަކުވަނީ މަރުގެ ތުންފަތްމަތީގައެވެ. މިބަލިޖެހުނު މީހުންގެ ޢަދަދު މިލިޔަނުން ގުނާލެވެއެވެ. ބަލި ކޮންޓްރޯލްކުރުމުގައި މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކަށް އެދެވޭ ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ވަޞީލަތްތައް ގިނަ، ޢިލްމާއި ތަޖުރިބާގެގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކަށްވެސް މިއަދު މިވަނީ ގޮތް ހުސްވެފައެވެ. ޤައުމުތަކުގެ ދޮރާށިތައް ބަންދުކޮށް އެއްގަމާއި ކަނޑާއި ވައިގެ ދަތުރުތައް ހުއްޓާލުމާއެކު، މުޅި ދުނިޔެ މިވަނީ ހުއްޓިފައެވެ. ކެއިންބުއިމާއި، އަޅުކަން ކުރުމާއި ޢާއްމު ޚިދުމަތް ދިނުމާއި މި ހުރިޙާކަމެއްގެ މަރުކަޒުތައް ވަނީ ބަންދުވެފައެވެ. މީސްތަނުން ވަނީ ގޭގޭގެ ހަަތަރު ފާރުން އެތެރޭގައި ބަންދުވާން މަޖުބޫރުވެފައެވެ.

މި ހިތްދަތި ޙާލަތުގައި އައި މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކިރަން މިޖެހެނީ ބިރުވެރިކަމާއި ކަރުނައާއެކުއެވެ. ކޯވިޑް-19ގެ ވޭންދެނިވި ބަލީގައި ކޮންމެދުވަހަކު މަރާ ހަނގުރާމަ ކުރަމުންދާ އެތައްބަޔަކަށް ފަރުވާދެމުންދާ ޞިއްޙީ ޙިދުމަތްތެރިންނަށް ހައްޤު ޝުރާއި ތަޢުރީފު އަދާކުރެވޭވަރަށްވުރެ ގިނަގުނައެވެ.

އެއީ މިއަދު މުޅި ދުނިޔޭގެ އަބްޠާލުންނެވެ. އަމިއްލަ ފިރިންނާއި އަނބިދަރިން، މައިންބަފައިންނާއި ގާތްތިމާގެ މީހުން ދޫކޮށް އިންސާނިއްޔަތަށްޓައި އެމީހުން ހުސްލަނީ ހަމައެކަނި ހުރިހާ ވަގުތެއް ނޫނެވެ. އެމީހުންގެ ނަފުސާއި ފުރާނަ އެވަނީ އަހަރެމެންގެ ފުރާނައަށްޓަކައި ނުރައްކަލަށް ހުށަހަޅާފައެވެ. އަހަރެމެންގެ ދިފާޢީ އައްޑައެއް ފަދައިންނެވެ.

އެމީހުންގެ އޮތީ އެންމެ އެދުމެކެވެ. އެންމެ އާދޭހެކެވެ. އެއީ އެމީހުން ދޭ އިރުޝާދުތައް އަޑުއަހައި ކިޔަމަންވުމެވެ. ޢާއްމު ރައްޔިތުން ގޭގައި މަޑުކުރުމެވެ. މިދެންނެވި އާދަޔާ ޚިލާފު ޚިދުމަތްތެރިންގެ އަގު އެންމެ ޒައްރެއްގެ މިންވަރަށް ވަޒަންކުރާ ނަމަވެސް އހަރެމެންނަށް އޮތީ އެމީހުންގެ އާދޭސް އަޑުއެހުމެވެ.