ވިޔަފާރި

ކޯވިޑް-19 : ސާކް ޑިވެލޮޕްމަންޓް ފަންޑުން 5 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމައިފި


ސާކް ޤައުމުތަކުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ސާކް ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފުން 5 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ނިންމައިފިއެވެ.

ކޯވިޑް-19 ޕްރޮޖެކްޓުގެ ދަށުން ޚަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ، ފަޤީރުނަށް އެހީވުމަށާއި، ތައުލީމީ، ސިއްޙީ އަދި މީހުން ބިނާކުރުމުގެ ދާއިރާއަށާއި، ދެންވެސް އެހީތައް ބޭނުންވާ ވެފައިވާ ފަރާތްތަކަށް އެހީވުމަށްކަމަށް ސާކް ޑިވެލޮޕްމަންޓު ފަންޑުން މައުލޫމާތުދެއެވެ.

އެސްޑީއެފްގެ ސީ.އީ.އޯ ޑރ. ސުނިލް މޮޓިވަލް ވިދާޅުވީ މިއީ ސާކްގެ މެމްބަރު ޤައުމުތަކަށް ކޯވިޑް-19އާ ގުޅިގެން ކުރިމަތިވާނެ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ދޭން ނިންމާފައިވާ އެހީއެއް ކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ޤައުމުތަކުން ފަށާފައިވާ މަސައްކަތްތަކަށް ފަންޑު ހޯދުމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި އެހީ ލިބޭނީ 3 ޤައުމު ނުވަތަ އެއަށް ވުރެ ގިނަ ޤައުމުތައް ގުޅިގެން ހިންގާ މަޝްރޫއޫތަކަށެވެ. އަދި އަމިއްލަ ޖަމުޢިއްޔާ ޖަމާއަތްތަކުން އެހީއަށް އެދޭއިރު، އެފަރާތްތަކަކީ އެޤައުމެއްގައި ރަޖިސްޓްރީވެގެން ހިންގާ ޖަމިއްޔާއަކަށްވާން ޖެހެއެވެ. އަދި މަދުވެގެން 5 އަހަރުދުވަހު ހިންގަމުން އަންނަ ޖަމިއްޔާއަކަށްވެސް ވާންޖެހެއެވެ.

2010ވަނަ އަހަރު އުފައްދާފައިވާ ސާކް ޑިވެލޮޕްމަންޓު ފަންޑުން މިހާރުވެސް ދަނީ 90 އަށްވުރެ ގިނަ މަޝްރޫއެއް ހިންގަމުންނެވެ. މި ޕްރޮޖެކްޓްތަކަށް ގާތްގަނޑަކަށް 198 މިލިއަން ޑޮލަރު ހޭދަވާނެއެވެ.

ސާކް މެމްބަރު ޤައުމުތަކަކީ، އަފްގާނިސްތާން، ބަންގަލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ. މިޤައުމުތަކުގެ އަށްހާހަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.