ވިޔަފާރި

ދަނޑުވެރިކަންކުރަން ދަސްކުރަން ބޭނުންތަ؟ ޓްވިޓަރއިން މިހާރު އެކަންވާނެ


ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބިނާވެފައިވާ ފަތުރުވެރިކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއިއެކު ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓުމަށް އެހެން ގޮތްތަކެއް ވަނީ ހޯދަންޖެހިފައެވެ. އެހެންކަމުން މިހާރު ގިނަބަޔަކު މިސްރާބުޖަހާފައި ވަނީ ދަނޑުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށެވެ. ރާއްޖެއަކީ އިމްޕޯޓްކުރާ މުދަލަށް މުޅިންހެން ބަރޯސާވެފައިވާ ޤައުމެކެވެ. ނަމަވެސް މިހާރު މިކަން ބަދަލުކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވަނީ މަސައްކަތް ފަށާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިހާރު ދަނީ މިދަނޑިވަޅުގައި ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ މައުލޫމާތު އެ މިނިސްޓްރީގެ ޓްވިޓަރ އާއި އެހެންވެސް ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން އަންނަނީ އާންމުންނާއި ފޯރުކޮށްދެމުންނެވެ.

ވީޑިއޯގެ ޒަރިއްޔާއިން ކޮންމެ ދުވަހަކުވެސް ތަފާތު ބާވަތެއް ހައްދާނެގޮތާއި އެތަކެތި ހެއްދުމުގައި އާންމުކޮށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރާނެގޮތް އެ މިނިސްޓްރީން އާންމުންނާއި ހިއްސާކުރެއެވެ. އޭގެތެރޭގައި ފަޅޯ، ތޮޅި، މިރުސް، ކެބެޖް، ފަތްކެޔޮ، ފަދަ ތަކެތި ހައްދާނެގޮތާއި ހެއްދުމަށް ދިމާވާ ދަތިތައް މިހާރުވެސް އެ މިނިސްޓްރީން ވަނީ އާންމުންނާއި ހިއްސާކޮށްފައެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ކައުންސިލްތަކުން އިސްނަގައިގެން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުން މުޙިންމުކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ގިނަ ކައުންސިލްތަކުން ވަނީ ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިންވެސް ދޫކޮށްފައެވެ.

ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް އެސްޓީއޯއިން އުފައްދާ އެގްރި ސެންޓަރ ހުޅުވުމަށްވެސް މިހާރު ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. މިއާއެކު ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރުމަށް ފަސޭހަވެގެންދާނެއެވެ.

ދަނޑުވެރިކަމުގެ ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު ކުރިން ރާއްޖޭގައި ހެއްދޭނެކަމަށް ބައެއް މީހުން ޤަބޫލު ނުކުރާ ތަކެތިވެސް މިހާރު ރާއްޖޭގައި ހެއްދިދާނެކަން މިވަނީ ސާބިތުވެފައެވެ. އެގޮތުން ހަނޑުލާއި އާފަލަކީ ފާހަގަކޮށްލެވޭ ތަކެއްޗެވެ.