ވިޔަފާރި

ދިރާގުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިފި


ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް ހަދައިދީފިއެވެ.

މިއީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސަކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމަށް ދިރާގުން ބުނެއެވެ.

މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލްތަކަށް ހިލޭ ވަދެވޭނެއެވެ. އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންޓަނެޓަށް ބަރޯސާވާ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އާއި ޑިސްކައުންޓް ދެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފައިއެވެ.

އުރީދޫއިންވެސް ވަނީ އެ ކުންފުނީގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ގޭގައި ތިބެގެން ވަދެ، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައް ބާއްވައި މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދީފައެވެ.