ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ނުފުރިފައި ތިބި ފަތުރުވެރިންގެ ތައުރީފު ރާއްޖެއަށް


ކޯވިޑް 19 ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް ރާއްޖޭގައި މިވަގުތު ޤައުމަށް އެނބުރި ދެވޭނެ ގޮތެއް ނެތިފައި ތިބި ފަތުރުވެރިންނަށް ދިވެހިން ދައްކަމުން އަންނަނީ މެހެމާންދާރީގެ ރީތި ނަމޫނާއެކެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ މިދަތި ދަނޑިވަޅުގައިވެސް ފަތުރުވެރިންނަށް އަޅާލުމާއި އޯގާތެރިކަމުގެ މިސާލު މުޅި ދުނިޔެއަށް ދައްކަމުންނެވެ.


ކޯވިޑް ނަވާރައިގެ ސަބަބުން ރާއްޖޭގެ އެކި ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި އަމިއްލަ ޤައުމަށް ނުދެވިތިބ އެތައް ފަތުރުވެރިންނެއް އެބަތިއްބެވެ. ވައިރަހުން ރައްކާތެރިވުމަށް ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެޤައުމުތަކުގެ ވައިގެ އުދުހުންތައް ހުއްޓާލާ ވައިގެ ސަރަޙައްދުވަނީ ބަންދުކޮށްފައެވެ. ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ސައުތް އެފްރިކާގެ ދެމަފިރިންކަމުގައިވާ އޮލިވިއާ އާއި ރައުލް ޑި ފެރެއިޓައިސްގެ ޗުއްޓީގެ ތަޖުރިބާ ހިއްސާކޮށްފައިވަނީ މަޝްހޫރު ނިއުޔޯކް ޓައިމްސްގައެވެ. އެނޫހާ ޙަވާލާދީ އެދެމަފިރިން ބުނެފައިވަނީ އެމީހުން ރާއްޖެ އައީ މާޗުމަހުގެ 22 ވަނަދުވަހުކަމަށާއި ރާއްޖެއައީ 6 ދުވަހުގެ ހަނީމޫން ޗުއްޓީއެއްގައިކަމަށެވެ.

ދަތުރުފެށިއިރުވެސް ވައިރަހުގެ އަސަރު ދުނިޔެގައި އޮތް މިންވަރު އެނގުނުނަމަވެސް ރާއްޖެ ފަދަ ޤައުމަކަށް އަންނަން ބޭނުންވެފައިތިބިވަރުން ޓްރެވެލް އޭޖެންޓުގެ ލަފަޔަކަށް އައީކަމަށްވަނީ ބުނެފައެވެ. އެހެންނަމަވެސް އެމީހުންގެ ޗުއްޓީގެ ފަސްވަނައަށް ވީދުވަހު ސައުތް އެފްރިކާ ލޮކްޑައުންކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމި ޚަބަރު ލިބުނުކަމަށާއި އެހާހިސާބުން ޤައުމަށް ދެވޭނެ މަގު ބަންދުވީކަމަށެވެ. ސަބަބަކީ ސައުތް އެފްރިކާއަށް ސީދާ ފްލައިޓް ނެތުމާއެކު އޭރު އެމީހުންގެ ޓްރެވެލް ރޫޓުގައި ހުރި އެހެން ޤައުމުތަކުންވެސް ދަތުރުކުރުން ވަނީ ހުއްޓާލާފައެވެ. ރާއްޖެއިން ފުރޭގޮތް ނުވެ އުޅެނިކޮށް ރާއްޖެއިންވެސް އެފިޔަވަޅު އެޅީކަމަށް އެދެމަފިރިންނާ ޙަވާލާދީ ނިއުޔޯކްޓައިމްސްގައިވަނީ ބުނެފައެވެ.

ލަންކާގައި ހުންނަ ސައުތް އެފްރިކާ އެމްބަސީއާއި ރާއްޖޭގައި ހުންނަ ސައުތް އެފްރިކާގެ ކޮންސިއުލޭޓުން މަޝްވަރާކޮށް ނިންމާފައިވަނީ އެޤައުމުގެ ރައްޔިތުން އަމިއްލައަށް ފްލައިޓެއް ޗާޓަރުކޮށްގެން ޤައުމަށް އައުމަށެވެ. މިކަމަށް އެއްލައްކަ ހަތަރުހާސް ޑޮލަރު ޚަރަދުވާތީ މިގޮތެއް މިދެމަފިރިންނަކަށްވެސް ކަމަކު ނުދިޔައެވެ. އެމީހުން ބޭނުންވީ ރާއްޖޭގައި މަޑުކުރުމަށެވެ. އެހެންނަމަވެސް މިހާހިސާބަށް އައިއީ އެމީހުން ޗުއްޓީ ހޭދަކުރަމުން އައި ސިނަމަން ވެލިފުށީގައި މިދެމަފިރިން އެކަނިވީއެވެ. އެހެންނަމަވެސް އެމީހުން ނިއުޔޯކްޓައިމްސްއަށް ދިން އިންޓަވިއުގައި އެއްކަމެއް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. އެންމެ ދެފަތުރުވެރިންނަމަވެސް އެރިސޯޓުން އެމީހުންނާ މެދު ބެހެއްޓި އޯގާތެރިކަން އެމީހުން ފާހަގަކުރިއެވެ. އެމީހުން ފޫހިފިލުވައިދީ ނުތަނަވަސްކަން ވެރިވެފައިވާ މިދަނޑިވަޅުގައި އެމީހުންނަށް ހަމަޖެހުމެއް ގެނެސްދިނުމަށް ކުރެވޭނެ ހުރިހާކަމެއް ރިސޯޓުގެ މުވައްޒަފުންކުރަމުންދިޔަކަން އޮލިވިއާއާއި ރައުލް ޑި ފެރެއިޓައިސްގެ ދެމަފިރިން ފާހަގަކުރެއެވެ.

ކޯވިޑް ނަވާރައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަޅަމުން އައި ފިޔަވަޅުތަކާއެކު ސައުތް އެފރިކާއަށް ނިސްބަތްވާ މިދެ ޓޫރިސްޓުން މިހާރުވަނީ ރާއްޖޭގައި މިވަގުތު ތިބި ސައުތް އެފްރިކާގެ އެހެން ފަތުރުވެރިން ތިބީ ފަސްތަރީގެ އެހެން ރިސޯޓަކަށް ބަދަލުކޮށްފައެވެ. ރާއްޖޭގައި ހޭދަކުރަމުންދާ ވަގުތަށް އެމީހުންގެ އަތުން ބޮޑު ޚަރަދެއް ދާކަން އެދެމަފިރިންވަނީ ފާހަގަކޮށްފައެވެ. ނިއުޔޯކްޓައިމްސްއަށް ދިން އިންޓަވިއުގައި އެމީހުންވަނީ ދިވެހި ސަރުކާރުން އެމީހުން ރާއްޖޭގައި ތިބޭ ދުވަސްތަކަށް ހޭދަވާ ޚަރަދުގެ ބޮޑުބައެއް ސަބްސިޑައިޒްކޮށްދޭން ނިންމަފައިވާކަމަށް އަންގާފައިވާކަމަށް ބުނެފައެވެ. ސައުތް އެފްރިކާ ސަރުކާރުންވަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް އެޤައުމު ލޮކްޑައުންކުރުމަށް ނިންމަފައެވެ. މިއާއެކުވެސް އަނބުރާ ޤައުމަށް ދެވޭނެ ތާރީޚެއް ކަނޑައެޅިގެން މިދަނޑިވަޅުގައި އޮލިވިއާއާއި ރައުލް ޑި ފެރެއިޓައިސްގެ ދެމަފިރިންނަށް ނޭނގޭކަމަށް ނިއުޔޯކްޓައިމްސްގައިވަނީ ބުނެފައެވެ.

ސައުތް އެފރިކާއިން ރާއްޖެއައި މިދެމީހުން އަތުގައި ހުރި ހުރިހާ ފައިސާއެއް ޚަރަދުވިނަމަވެސް މިދަނޑިވަޅުގައި ރާއްޖޭގައި މަޑުކުރުމަށް ނިންމި މައިގަނޑު ސަބަބަކީ ރިސޯޓު މުވައްޒަފުންގެ ފަރާތުން ފެންނަމުންދިޔަ އަޅާލުމާއި ހިތްހެޔޮކަމެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލި މަޑުކަމުގެ ސަބަބުން އެންމެންވެސް ނުތަނަވަސްކަމެއްގައި ތިބިއިރުވެސް ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުން ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ.