ކޯވިޑް19އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތުމާއެކު ގިނަ ކުންފުނިތަކުން ދަނީ އެކުންފުނިތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. ވަކިން ޚާއްސަކޮށް ބޭންކުތަކުން ދަނީ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ޚިދުމަތްހޯދުމަށް ތަކުރާރުކޮށް އާންމުންނަށް އިލްތިމާސްކުރަމުންނެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ވެސް ފެނިގެން ދިޔައީ ބޭންކުތަކުގެ ބޭރުގައި އާންމުންނާއި ބިދޭސީންގެ ގިނަ ބަޔަކު އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި ދިގު ކިޔުތައް ދަމާލި މަންޒަރެވެ. ކޯވިޑް-19 ފެތުރެމުންދާ މި ދަނޑުވަޅުގައި ރައްޔިތުންގެ ގިނަ ބަޔަކު މިފަދަ ގޮތަކަށް އެއްވުމަކީ ހަމަގައިމުވެސް ރައްކާތެރިކަމެއް ނޫނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގިނަ ބަޔަކު ބޭންކުތަކަށް އެއްވާން މެދުވެރިވީ ބައެއް އަމިއްލަ ފަރާތްތަކުން މުސާރަތައް ޖަމާކުރުމަށާއި ބޭންކްތަކަށް ގޮސްގެން ހޯދަން ޖެހޭ ޚިދުމަތްތައް ހޯދުމާއި ލޯނުތައް ފަސްކުރުމަށް ހުޅުވާލުމާ ގުޅިގެންނެވެ. އެހެންނަމަވެސް، އޮންލައިންކޮށް ލިބޭ ޚިދުމަތްތައް ހޯދުމަށްވެސް ގިނަ ބަޔަކު މިދިޔަ ހަފްތާގައި ބޭންކުތަކުގެ ސެންޓަރުތަކަށް ޖަމާވިއެވެ.
މިދިޔަ ހަފްތާއާ ޚިލާފަށް މިހަފްތާގައި ބޭންކުތައް 3 ދުވަހު ހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހޯމަ، އަންގާރަ އަދި ބުރާސްފަތިދުވަހު ބޭންކުތަކުގެ ޚިދުމަތް ލިބިގެންދާނެއެވެ.
މިއަދު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއާއި މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ސިލޯންގެ ބުރާންޗުތަކަށް ޚިދުމަތް ހޯދަން ދިޔަ މީހުން ކުރީ ހަފްތާއާ ބަލާއިރު ވަރަށް މަދުކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިދިޔަ ހަފްތާއެކޭ އެއްފަދައިން މި ހަފްތާގައިވެސް އެންމެ ގިނަ ބަޔަކު އެއްވެފައިވަނީ ބޭންކް އޮފް ސިލޯން ކައިރިއަށެވެ. ގިނަ ޢަދަދެއްގެ ބިދޭސީން ބޮޑުތަކުރުފާނު މަގުގައި ކިޔު ހެދި މަންޒަރު މިއަދު ވެސް ފެނުނެވެ.
ސަރުކާރު ބަންދުކޮށްފައިވާ މި ދުވަސްތަކުގައި ބޭންކުތަކުގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބުނު ނަމަވެސް ޗެކް ޖަމާކުރުމާއި އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް ގިނަ ބަޔަކު އަދިވެސް ދަނީ އޭޓީއެމްތަކުގެ ބަދަލުގައި ބޭންކުތަކުގެ ބްރާންޗުތަކަށެވެ. އެހެންނަމަވެސް، ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެއްވެ އުޅުން މަދުކޮށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވެސް ވަނީ ކޮންމެހެން ދާންޖެހިގެން ނޫނީ ބޭންކުގެ ބްރާންޗުތަކަށް ޚިދުމަތް ހޯދުމަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ފައިސާ ނުވަތަ ޗެކު ޖަމާކުރަން ބޭނުންވާ ކަސްޓަމަރުން ބޭންކުގެ ބްރާންޗުތަކަށް ނުގޮސް ޑިޕޮސިޓް އޭޓީއެމް ބޭނުން ކުރުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާއާއި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ނަގައި، ފައިސާ ފޮނުވުމާއި، ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެކަމަށްވެސް ބޭންކުން ބުނެއެވެ.
މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބްރާސްފަތިދުވަހު ބީއެމްއެލް ބާޒާރު ބްރާންޗު ފިޔަވައި އެ ބޭންކުގެ އެހެން ހުރިހާ ބްރާންޗުތަކާއި، ބިޒްނަސް ސެންޓަރތަކާއި ލޯން ސެންޓަރ އަދި ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވާނެއެވެ. ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސެންޓަރުތައްވެސް ހޯމަ އަންގާރަ އަދި ހޯމަ ދުވަހު ހުޅުވާނެއެވެ. މި ތަންތަނުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 ފެށިގެން މެންދުރު 12:30 އަށެވެ.