ޚަބަރު

ކޯވިޑް19- ދުވާލަކު 300 ޓެސްޓް ހެދޭވަރަށް ރާއްޖޭގައި ކެޕޭސިޓީ އިތުރުކުރަނީ


އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ކޯވިޑް19 އަށް ޓެސްޓްކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް، އިތުރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި ކޯވިޑް ޓެސްޓްކުރެވޭނެ އިންތިޒާމް ފުޅާކުރުމުގެ މަސައްކަތްކުރަމުންދާއިރު، ދިވެހިރާއްޖޭގައި މިވަގުތު ކޯވިޑް 19އަށް ޓެސްޓް ކުރަނީ ހަމައެކަނި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް19 ޓެސްޓްކިޓްތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާޙިމް ސަލީމް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގައިި ކޯވިޑަށް ޓެސްކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިވަގުތު ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ބޭނުންކުރާނީ 2 މެޝިންކަމަށާއި އިތުރު މެޝިނެއް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ފަށާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން މިހަފްތާގެ ތެރޭގައި އެ މެޝިންގެ ޚިދުމަތް ފަށާނެކަމަށް ސަލީމް ވިދާޅުވިއެވެ.

"މިހާރު ދުވާލަކު 200ޓެސްޓް ކުރެވޭނެ ކެޕޭސިޓީ ހުރީ. ނަމަވެސް 2-3 ދުވަސްތެރޭ އިތުރު މެޝިނެއް ބަހައްޓާނަން. އޭރުން ދުވާލަކު 300ޓެސްޓް ކުރެވޭނެ" އިބްރާޙިމް ސަލީމް ވިދާޅުވިއެވެ..

ސަލީމް ވިދާޅުވީ ޓެސްޓް ކުރުމަށް ބޭނުންވާ ޓެކްނީޝަނުންގެ ދަތިކަމެއް ނެތްކަމަށެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލްގެ ލެބް ޓެކްނީޝަނުންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން، ޝީގެ ލެބް ޓެކްނީޝަނުންވެސް އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލްގައި މިހާތަނަށް ކޯވިޑް 19އަށް 1500އަށްވުރެ ގިނަ މީހުން ޓެސްޓް ހަދާފައިވެއެވެ.

ކޯވިޑް 19އަކީ މުޅިން އަލަށް ދުނިޔެއިން ފެނުނު ބައްޔަކަށް ވާތީ، އެބައްޔަށް ލެބް ޓެކްނީޝަނުން ތަމްރީންކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ރާއްޖޭގައި މިވަގުތު ދަނީ ކޮރޯނާ ވައިރަހަށާއި، ކޯރޯނާ ވައިރަހުގެ އާ ބާވަތް ކޯވިޑަށްވެސް ޓެސްޓްކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.