ޚަބަރު

ޑަބްލިއުއެޗްއޯއިން އަނެއްކާވެސް ރާއްޖެއަށް 5000 ޓެސްޓް ކިޓް ހަދިޔާކޮށްފި


ވޯލްޑް ހެލްތު އޮގަނައިޒޭޝަން، ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް އަނެއްކާވެސް ކޮރޯނާއަށް ޓެސްޓްކުރާ 5000 ޓެސްޓްކިޓް ހަދިޔާކޮށްފިއެވެ.

ރާއްޖެއަށް 5000 ޓެސްޓްކިޓް ޑަބްލިޔުއެޗްއޯއިން ހަދިޔާކޮށްފައިވާއިރު، ކޮރޯނާވައިރަސް ފެތުރެން ފެށިފަހުން އެޖަމުއިއްޔާއިން ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޓެސްޓްކިޓް ހަދިޔާކޮށްފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޓެސްޓްކިޓްތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރުއެވެ. ރާއްޖޭގެ ފަރާތުން ޓެސްޓްކިޓްތަކާ ޙަވާލުވެޑައިގެންނެނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ބަލިން ރައްކާތެރުވުމަށް އަޅާ ފިޔަވަޅުގައި ރާއްޖެއިން މިހާރު އެންމެ ބޮޑަށް ޢަމާޒުކުރަނީ ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަރުދަނާކޮށް، ކިރިޔާވެސް ބައްޔަށް ޝައްކުވާ މީހެއް ހުރިނަމަ އެމީހަކު އަވަހަށް ޓެސްޓްކުރުމަށްކަމަށެވެ. އެގޮތުން މިހާރު މާލޭ ސަރަޙައްދުގައި އެކަނި ޓެސްޓް ކުރުން ކުރިއަށްދިޔަނަމަވެސް، އަތޮޅުތަކުގައިވެސް ޓެސްޓް ހެދޭނެ ގޮތް ހަމަޖެއްސުމަށް ޑަބްލިޔުއެޗްއޯއާއެކު މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"ބޮޑު ލޯޑެއް އޮތީ މާލެ އޭރިއާއަށް، އެހެންވެ މި ސަރަޙައްދަށް އިސްކަންދެނީ. ރާއްޖޭގެ 6 ސަރަޙައްދުގައި އެބަހުރި ޖީން އެކްސްޕަރޓް މެޝިން މިހާރުވެސް ބަހައްޓާފައި. އެ މެޝިބންތައް ބޭނުންކޮށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެބަ މަސައްކަތް ކުރަން. އައިސޮލޭޝަން ފެސިލިޓީތައް ޤާއިމުކޮށްއަތޮޅުތަކުގެ ފެސިލީތިޓައްވެސް މިދަނީ އިތުރުކުރަމުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކިޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑަބލްިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ދުރާލާ އެޅި ފިޔަވަޅުތައް ފާހަގަކޮށް، އެކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް އާއްމުންނަށް މަޢުލޫމާތު ޙިއްސާކުރުމާއި އަދި ރައްޔިތުންވެސް މިކަމުގައި ދޭ އެއްބާރުލުން ޑރ. އަރްވިންދު ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީ މިސާލެއް. ފެސިލިޓީތަކާއި، އަދި މިކަމުގެ ވޯކް ފޯހުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރައްވަނީ ތަޢުރީފް ޙައްގު މަސައްކަތެއް. ކޯވިޑްއިން ރައްކާޓެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޑަބްލިއުއެޗްއޯގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތްތާންގައިވެސް ހުރިހާ ގޮތަކުން ލިބޭނެ." އަރްވިންދް މާތުރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޯވިޑަށް ޓެސްޓް ކުރުމަށް ދެ ވައްތަރެއްގެ ކިޓް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކޮރޯނާ ވައިރަހަށް ޓެސްޓްކުރާ ކިޓްތަކާއި އަދި ކޮރޯނާގެ އާ ވައްތަރު ކޯވިޑް-19އަށް ޓެސްޓް ކުރާ ކިޓެވެ. އެގޮތުން ކޮވިޑަށް ޓެސްޓް ކުރާނީ ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ދައްކާ މީހުންނެވެ.

ޑަބްލިއު އެޗްއޯއިން 3 ފަހަރެއްގެ މަތިން ރާއްޖެއަށް ވަނީ ޓެސްޓް ކިޓް ހަވާލުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ބުރުގައި 1000 ކިޓް، ދެވަނަ ބުރުގައި 5000ކިޓް، އަދި މިފަހަރުވެސް 5000 ކިޓްވަނީ ހަދިޔާކޮށްފައެވެ.

މިހާތަނަށް ރާއްޖޭގައި 1500 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޓެސްޓްކޮށްފައިވެއެވެ. މިވަގުތު ޓެސް ހަދަނީ ހަމައެކަނި އައިޖީއެމް ހޮސްޕޮޓަލްގައެވެ. އަދި ސަރުކާރުންދަނީ 19000 އަށްވުރެ ގިނަ ކިޓް ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް 19 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 4 މީހަކަށް ރާއްޖޭގައި ފަރުވާދެމުންދާއިރު، ރާއްޖެއިން ޕޮސިޓިވް 2 މީހަކު ވަނީ ރާއްޖެއިން ފުރާފައެވެ.