ޚަބަރު

ކޯވިޑް-19 : އުމުރުން ދުވަސްވީ މީހުންނަށް އެޕޮއިންޓްމަންޓަކާއި ނުލައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި


އުމުރުން ދުވަސްވީ މީހުންނަށް އެޕޮއިންޓްމަންޓާއި ނުލައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އައިޖީއެމް ހޮޕިޓަލުން ހަމަޖައްސައި ދީފިއެވެ.

ނޭޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މި އިންތިޒާމްގެ ދަށުން ކޮންމެ ދުވަހެއްގެވެސް ހެނދު 9:00 އިން މެންދުރުފަހު 15:00އަށް އުމުރުން ދުވަސްވީ މީހުންނަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާއިން ލިބޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އާންމުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި އައިޖީއެމް ހޮސްޕިޓަލްގައި ތާމަލް ކެމެރާ ހަރުކޮށްގެން ސްކްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން ހޮސްޕިޓަލުގެ ހަތަރު ސަރަޙައްދެއްގައި މިގޮތަށް ސްކްރީން ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ސްކްރީންކުރުމަށްފަހު ހުމުގެ އަސަރެއް ހުރިނަމަ އައިޖީއެމްއެޗަށް ނުވަދެވޭއިރު، ޑައިލަސިސްފަދަ ޕްރޮސީޖާތައްހަދަން އަންނަ މީހުން ހުން ނުވަތަ ރޯގާ ހުރިކަމުގައި ވިޔަސް އެހޮސްޕިޓަލުން ޚިދުމަތް ދޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ވޯޑު ތަކަށާއި ނެޝަނަލް ކާޑިއެކް ސެންޓަރަށް ދާ މީހުން ހޮސްޕިޓަލަށް ވަންނަންޖެހެނީ ބޮޑުތަކުރުފާނު މަގުގައިވާ ދޮރޯށިންނެވެ. އަދި ލެބޯރަޓަރީއަށް އަންނަމީހުން ވަންނަން ޖެހެނީ ކަނބާ އައިސާ ރަނި ހިނގުމުގަ ހުންނަ މައި ދޮރޯށިންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯރގައި ވަނީ މި ޚިދުމަތް ޤާއިމްކޮށްފައެވެ.