ޚަބަރު

ކޯވިޑް-19 : ވަޒީފާއާބެހޭ 723 މައްސަލައެއް ހުށަހަޅައިފި


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށާއި ވަޒީފާގެ މާޙައުލުގައި ދިމާވާ ކަންކަން ޙިއްސާކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 723 މައްސަލައެއް ހުށަހަޅާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލުމުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ 723 މީހަކު ކަމަށެވެ.

ވަޒީފާގެ މައްސަލަތަކުގައި މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާ

  • ވަޒީފާއިން ކަނޑާލައިން ހުށަހަޅާފައިވާ 185 މައްސަލަ
  • މުސާރަ ނުދީގެން ހުށަހަޅާފައިވާ 113 މައްސަލަ
  • މުސާރަ ނުލިބޭގޮތަށް ޗުއްޓީދީގެން ހުށަހަޅާފައިވާ 245 މައްސަލަ
  • މުސާރަ، ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްގެން ހުށަހެޅި 72 މައްސަލަ
  • ވަޒީފާއިން ސަސްޕެންޑްކޮށްގެން ހުށަހެޅި 64 މައްސަލަ
  • ޢިނާޔަތްތައް ނުލިބިގެން ހުށަހެޅި 44 މައްސަލަ

ކޯވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް 3 މަސްދުވަހުގެ ޢިނާޔަތެއް ދޭން ދައުލަތުން ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކުރިން ވިދާޅުވެފައެވެ. އެލެވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށެވެ.

ކޯވިޑް-19އާ ގުޅިގެން ވަޒީފާގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށް ސަރުކާރުންވަނީ އިލްތިމާސްކުރައްވާފައެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ޙިއްސާކުރެވޭނެގޮތް ހަމަޖައްސައިދީފައިވަނީ މާރޗް މަހުގެ 21ވަނަ ދުވަހުއެވެ.