ޚަބަރު

ކޯވިޑް-19 : ކައިވެނިކޮށްދިނުން ހަފްތާއަކު ދެދުވަހު


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ސަރުކާރު ބަންދުވެފައިވާތީ، ކައިވެނިކޮށްދިނުން މެދުކަނޑިފައި އޮތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް، ހަފްތާއަކު ދެދުވަހު ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމަވައިފިއެވެ.

އެކޯޓުން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއެކު އެކޯޓުގެ ބައެއް މަސައްކަތްތައް މެދުކަނޑާލިނަމަވެސް މުހިއްމު ޚިދުމަތްތައް މެދުކަނޑާލާފައި ނުވާކަމަށެވެ. މިވީ މުއްދަތުގެ ތެރޭގައިވެސް ކުރިން ހަމަޖެހިފައިއޮތް ކައިވެނިތައް ކުރިމުގެ އިންތިޒާމު ކުރިއަށްދިޔަކަށް އެކޯޓުން ފާހަގަކުރައްވާފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަޙްމަދު ނަޝީދު ވިދާޅުވީ މިހާރު މިއޮތް ބަންދުގެ މުއްދަތު ދިގުލައިގެންދާތީ، ކައިވެނިކުރަން ބޭނުންވާ މީހުންނަށް، އެކަމަށް އެދި އޮންލައިންކޮށް ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައްވާފައިވާކަމަށެވެ. ލިޔެކިއުންތަކާއި ފައިސާ ދައްކަންވެސް ކޯޓަށްދާން ނުޖެހޭނެކަމަށާ، އެފަދަ ހުރިހާކަމެއް މިހާރު އޮންލައިންކޮށް ކުރެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

މިޙާލަތުގައި ބާއްވާ ކައިވެނީގެ މަޖިލީހަށް ކައިވެނިކުރާ ދެމީހުންނާއި، ހެކިންނާއި ވަލީވެރިޔާ ފިޔަވައި އިތުރު މީހަކަށް ނުވަދެވޭނެކަމަށް އޭނާ ވިދަޅުވިއެވެ. މިގޮތަށް ހަމަޖެއްސެވީ މިޙާލަތުގައި އަޅުއްވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައެވެ. އަދި މީގެކުރިން އެއް މަޖިލީހެއްގައި އެއްކައިވެންޏަށްވުރެ ގިނަ ކައިވެނި ކޮށްދިންނަމަވެސް މިހާރު ހަމަޖެހިފައިވަނީ ކޮންމެ ކައިވެންޏެއްވެސް ވަކިން ވަކި މަޖިލީހެއްގައި ކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ބަންދުވެފައިވާ މި މުއްދަތުގެ ތެރޭގައިވެސް ފެމިލީ ކޯޓުގެ ކޮންމެވެސް އެއް ސެކްޝަނެއްގައި މައްސަލަތައް ކުރިއަށްދާނެކަމަށާއި، ބަންދުގެ މުއްދަތުގައިވެސް ގެވެށިއަނިޔާގެ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ހުއްޓާނުލައި ކުރިއަށްގެންދާކަމަށް ފެމިލީކޯޓުން ވިދާޅުވިއެވެ.