ޚަބަރު

މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން އޭޕްރީލް 11 އަށް ފަސްކޮށްފި


މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމި ނިންމުން އޭޕްރިލް މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ިއތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓަރީން ވިދާޅުވީ މި ނިންމުން 11 ވަނަދުވަހުގެ އަސުރު ނަމދާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

މިގޮތަށް އިތުރުކުރެއްވީ ކޯވިޑް 19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމު ވެރިންގެ ލަފާގެ މަތިން، ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ (ލޮކްޑައުން ކޮށް ފިނަމަ) އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އެމިނިސްޓްރީންވަނީ އަންގަވާފައެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" އަރަބި ބަހުންނާއި ދިވެހި ބަހުން ގޮވާދިނުމަށް އެމިނިސްޓްރީންވަނީ އަންގަވާފައެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް
އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އެމިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސްވަނީ އިރުޝާދުދެއްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން އަޅުއްވަމުން ރައްކާތެރިކަމުގެ ފިޔަވަޅުރަކުގެ ތެރެއިން މާލެއާއި، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގަައި ހުކުރުނަމާދާއި، ފަރުޟުނަމާދު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމެވީ މަރޗްމަހުގެ 18 ވަނަ ދުވަހުއެވެ. ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވީ ނަމަވެސް މިސްކިތްތަކުގައި ބަންގި ގޮވުމާއި ވަކިން ޢާއްމުންނަށް ނަމާދުކުރެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މިގޮތަށް ނިންމިނަމަވެސް އަތޮޅުތަކުގެ ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ދެއެވެ.