ވިޔަފާރި

ބައެއް ތަކެތީގެ އަގު ކޮންޓްރޯލްކޮށް އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރަނީ


ކޯވިޑް19 އާއި ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ އަގު ކޮންޓްރޯލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ޙާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން، މިވަގުތު އިޤްތިޞާދީ ޙާލަތު ހުރި ގޮތަށް ރިޢާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމައިފައިވާކަމަށެވެ. އެގޮތުން 6 އެޕްރިލް އިން ފެށިގެން، 4 ބާވަތެއް ވަކިވަކިން (ރީޓެއިލް) ވިއްކޭނެ އެންމެ މަތީ އަގު އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މިމަހުގެ 6 އިން ފެށިގެން 1 ކިލޯގެ އާދައިގެ ރަތް ފިޔާވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާއެވެ. 1 ކިލޯގެ އާދައިގެ އަލުވީގެ އަގު 20 ރުފިޔާގައި ކޮންޓްރޯލްކޮށްފައިވާއިރު، 1 ކިލޯގެ ރީނދޫ މުގު ވިއްކޭގެ އެންމެ މަތީ އަގަކީ 45 ރުފިޔާއެވެ. އަދި ކުކުޅު ބިހެއްގެ އަގުވަނީ 1.80 ލާރިއަށް ކޮންޓްރޯލްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރިން ވިދާޅުވީ، މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެކަމަށެވެ. އަދި މި އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ޤަވާއިދާއި ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ވާނަމަ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.