ޚަބަރު

ތުރުކީވިލާތުގައި ޒުވާނުން ބޭރަށް ނުކުތުން މަނާކޮށްފި


ތުރުކީވިލާތުގައި 20 އަހަރުން ދަށުގެ ޒުވާނުން ބޭރަށް ނުކުތުން މަނާކޮށް ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއް އިޢުލާންކޮށްފިއެވެ.

ތުރުކީވިލާތުގެ 31 ސިޓީއެއްގެ ސަރަޙައްދު ރޮނގު ބަންދުކޮށް ފުރަބަންދުގެ އައު އުޞޫލުތަކަށް އަމަލުކުރަން ފަށާފައިވަނީ ހުކުރު ދުވަހުގެ މެންދަމުންފެށިގެންނެވެ.
އެގޮތުން، ތުރުކީވިލާތުގައި 20 އަހަރުން ދަށުގެ ޒުވާނުން ބޭރަށް ނުކުތުން ވަކި މުއްދަތެއް ނެތްގޮތަށްވަނީ މަނާކޮށްފައެވެ.

ތުރުކީވިލާތުގައި ފުރަބަންދުގެ އައު އުޞޫލުތައް އިއުލާންކުރައްވަމުން އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވީ މިދަނޑިވަޅުގައި އެޤައުމުގައި ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ބޮޑުވުމުން ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އިޖުތިމާޢީ ގައިދުރުކަން ނުހިފަހައްޓާ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އުރްދުޣާން ވިދާޅުވިއެވެ. އަދި ޢާންމުން އެއްވެއުޅޭ ތަންތަންކަމަށްވާ ބާޒާރުތަކާއި އޮފީސްތައްވެސް ބަންދުކުރުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުންވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅިތަކެއް އަޅާފައެވެ. އެގޮތުން ހުރިހާ މަދަރުސާއެއް ބަންދުކުރުމާއ، 50އަށްވުރެ ގިނަ ސަރަހައްދަށް ވަދެނުކުތުންވަނީ މަނާކޮށްފައެވެ. މީގެ ކުރިން އެޤައުމުންވަނީ 24 ގަޑިއިރަށް 65 އަހަރުން މަތީގެ މީހުން ބޭރަށް ނުކުތުންވެސް މަނާކޮށްފައެވެ.

ތުރުކީވިލާތުގައި 20,921 މީހުންނަށް ކޯވިޑް-19 ޖެހި 425 މީހުންވަނީ މަރުވެފައެވެ.

ތުރުކީވިލާތުގައި 20 އަހަރުން ދަށުގެ ޒުވާނުން ބޭރަށް ނުކުތުން މަނާކޮށްފައިވަނީ ބަލީގެ ޝިކާރައަކަށް ޒުވާނުންވަމުންދާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެބައްޔަކީ އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށް ބެލެވުނުނަމަވެސް ދުނިޔޭގެ ޞިއްހަތާބެހޭ ޖަމްޢިއްޔާއިންވަނީ ބަލީގެ ނުރައްކާ އެހެން އުމުރުފުރާގެ މީހުންނަށްވެސް އޮތްކަމަށް ބުނެފައެވެ. އެގޮތުން ޒުވާނުންނަށްވެސް ކޯވިޑް-19ގެ ނުރައްކާ ބޮޑުކަމަށް އެޖަމްޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ނުރަނގަޅު އާދަތަކުގެ ސަބަބުން ޒުވާނުގެ މެދުގައި ކޯވިޑް-19 ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އަމަލުތަކުގެ ސަބަބުން ހަށިގަނޑު ބަލިކަށި ކޮއްލުމުން ކޯވިޑް-19ގެ ނުރައްކާ ބޮޑުކަން ދިރާސާތަކުންވަނީ ދައްކާފައެވެ.