ޚަބަރު

ކޯވިޑް-19 : "ޚަރަދުކުޑަކުރިޔަސް ސިއްޙީ ޚިދުމަތްތައް ދިނުން ވަރުގަދަ ކުރޭ" - އައިއެމްއެފް


ޤައުމުތަކުން ޚަރަދު ކުޑަކުރާއިރު، ސިއްޙީ ޚިދުމަތްތައް ދިނުން ވަރުގަދަ ކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ގޮވާލައްވައިފިއެވެ. އައިއެމްއެފުން ވަނީ ކޯވިޑް-19 އަކީ، މިހާތަނަށް އައިރު އެޖަމިއްޔާގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު އިޤްތިޞާދީ ކާރިސާކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވީޑިއޯ ކޮންފަރެންސް ބޭނުންކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިވާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އެގޮތުން އެހީގެ ގޮތުގައި އެއް ޓްރިލިއަން ޑޮލަރު ހޭދަކުރުމަށް އެ ފަންޑުން ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަޤީރު ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް ސްވެޕް ފެސިލިޓީތަކާއި އެސް.ޑީ.އާރް ފެސިލިޓީގެ ދަށުން ވެދެވޭނެ އެހީތަކާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އެންމެ އިސްކަމެއް ދޭންޖެހެނީ ފަޤީރު ޤައުމުތަކުގެ ތެރެއިން މިކަމުގައި އަސަރުކުރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަށްކަމަށް ޖޯޖިވާ ވިދާޅުވިއެވެ. މިކާރިސާގައި އަސަރުކުރާ ފަރާތްތަކަށް އެހީވުމަށް އައިއެމްއެފްއިން 1 ޓްރިލިއަން ޑޮލަރުގެ އެހީ ދިނުމަށް މިހާރު ނިންމާފައިވާއިރު، އިތުރު ކުއްލި އެހީ މިފަދަ ޤައުމުތަކަށް ދޭން ނިންމާފައިވާކަމަށްވެސް އެނާ ވިދާޅުވިއެވެ. އެމަޖެންސީ އެއިޑްގެ ގޮތުގައިދޭ މިފަދަ އެހީތަކަށް މިހާތަނަށް އައިރުވެސް 90 އަށްވުރެ ގިނަ ޤައުމުން އެދިފައިވާކަމަށް ކްރިސްޓަލީނާ ޖޯޖިވާ ވިދާޅުވިއެވެ.

ހަތަރު ސަތޭކައަށްވުރެ ގިނަ ނޫސްވެރިން ބައިވެރިވި މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިވާ ވަނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ޚަރަދުކުޑަކުރުމަށް ގޮވާލައްވާފައެވެ. ޖޯޖިވާ ވަނީ ޤައުމުތަކުން ޚަރަދު ކުޑަކުރާއިރު ސަމާލުވުމަށް ގޮވާލައްވާފައެވެ. އެގޮތުން މި ވަގުތު ސިއްޙީ ދާއިރާގެ ވަރުގަދަވުމަކީ އެންމެ ބޭނުންތެރި ކަންކަމުގައިވާއިރު، ސިއްޙީ ޚިދުމަތްތައް ދިނުން ވަރުގަދަ ކުރުމަށް ހުރިހާ ސަމާލުކަމެއް ދިނުމަށް ގޮވާލެއްވިއެވެ. އެގޮތުން މި ވަގުތު ބޭނުންވާ ސިއްޙީ ވަސީލަތްތަކާއި، ސިއްޙީ ޚިދުމަތްތެރިންގެ އުޖޫރަ ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

"މިފަދަ ކަމެއް އަދި އަޅުގަނޑުމެން ނުދެކެން. މިއީ ދުނިޔެއަށް ދިމާވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާ. މިކަމުގައި އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމު. ޚަރަދު ކުޑަކުރަންޖެހޭ، އެކަމަކު ސިއްޙީ ޚިދުމަތްތައް ދިނުން ވަރުގަދަ ކުރުމަށް އިސްކަން ދޭންޖެހޭ."

އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިވާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ މިވަނީ އިޤްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ދުނިޔޭގެ އިޤްތިސާދީ ބޮޑެތި ޤައުމުތަކުގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓެމުންދާއިރު މީގެ ސަބަބުން ވިޔަފާރިތަކަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންތަކާއި ދަނީ ކުރިމަތިވަމުންނެވެ.