ޚަބަރު

ކޯވިޑް-19 : "ފުލުހުން ޢަމަލުކުރަމުންދަނީ އެޗްޕީއޭއިން ދޭ އިރުޝާދާ އެއްގޮތައް"


ކޯވިޑް-19އާ ގުޅިގެން ފުލުހުން ޢަމަލުކުރަމުންދަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޭ އިރުޝާދާ އެއްގޮތައްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވެފައިމިވަނީ ފުލުހުން މަގުމަތީގައި މާސް ނާޅާ ޙަރަކާތްތެރިވަމުން ދާކަމަށްބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޯވިޑް-19އާ ގުޅިގެން އެކި ވަގުތުތަކުގައި ބޭރަށްނުކުމެ އުޅުން މަނާވުމާގުޅިގެން ފުލުހުން ދަނީ މަގުމަތީގައި ޙަރަކާތްތެރިވަމުންނެވެ. ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިސަރުންވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންންވެ.

މާލޭގައި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި ބައިވެރިވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މާލޭގައި މީހުން ނުކުމެއުޅުން މަނާ ގަޑިތަކުގައި ޢާންމުން ދެމުންދާ އެއްބާރުލުމަށްޓަކައި އެމީހުންނަށް ޝުކުރުއަދާކުރައްވާފައެވެ. މި އޮޕަރޭޝަނުގައި 112 ޕްރޮންޓަލައިން އޮފިސަރުންނާއި، ކޮމިޝަނަރ ރޭންކްގެ 50 އޮފިސަރުން ބައިވެރިވެވަޑައިގަންނަވާކަން ކޮމިޝަނަރ އޮފް ޕޮލިސް ފަހަގަކުރެއްވިއެވެ.

"ފުލުހުން މަގުމަތީގައި މާސް ނާޅައި ޙަރަކާތްތެރިވަމުން ދިއުމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާކަން އަޅުގަނޑަށްވެސް ފާހަގަވޭ. އަޅުގަނޑު ބުނެލަން ބޭނުންވަނީ މި ފުލުހުން އަމަލުކުރަމުންދަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޭ އިރުޝާދާ އެއްގޮތައްކަން. މި ވަގުތު މާލޭގައި ފުލުހުން ސަރޖިކަލް މާސްކް އަޅަންޖެހޭ ހާލަތެއް އޮތްކަމަށް ނުދެކެން."

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ދުރަތަމަ ކޯވިޑް-19 ފެނުނު، ކުރެއްދޫ އައިލެންޑް ރިސޯޓުގައި ފުލުހުން ޙަރަކާތްތެރިވަނީވެސް އެޗްޕީއޭގެ އިރުޝާދުގެ ދަށުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން ކުރެއްދޫގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރެއްގެ ދަށުން ކުރިއަށްދާ ތަހުޤީޤއެއް ހިންގުމަށްކަމަށާ، މިވަގުތު އެރަށުގައި ވައިރަހުގެ ނުރައްކަލެއް ނެތްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މާލޭގައި ދަތުރުފަތުރުކުރުމާއި، މީހުން މަގުމައްޗަށް ނުކުމެ އުޅުން މަނާ ކޮއްފައިވަނީ ހަވީރު 17:00އިން 20:00އަށެވެ. މިވަގުތުގެފަހު ޢާންމުން ގިނަ ޢަދަދަކަށް މަގުތަކަށް ނުކުންނަކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ޢަމަލުނުކޮށް ހުރިހާ ވަގުތެއްގައިވެސް ގޭގައިތިބުމަށާއި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙަައްމަދު ޙަމީދު އިލްތިމާސްކުރެއްވިއެވެ.