ކައުންސިލް އިންތިޚާބް ބާއްވައި އާކައުންސިލަރުން އިންތިޚާބް ކުރެވެންދެން މިހާރުތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާލުމަށް ޤާނޫނު އަސަސީއަށް އިސްލާހު ހުށަހަޅައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފުރަތަމަ ބޭއްވުމަށް ތާވަލްކޮށްފައިއޮތީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު އިންތިޚާބު މިމަހުގެ 18 ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން ފަސްކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް އިންތިޚާބު ފަސްކުރަންނިންމައި، އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީމަހު ބޭއްވުމަށްޓަކައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ކޯވިޑް-19އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސް އިން ގެނެދޭ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ކައުންސިލް އިންތިޚާބް ނުބޭއްވި ލަސްކުރަން ޖެހުމާއި ގުޅިގެން ޤާނޫނީ ހުސްކަމެއް ނާންނާނެގޮތަކަށް ކަންކަން ރާވަމުންދާކަމަށެވެ.
ކައުންސިލް އިންތިޚާބް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ޚާއްސަ ޤާނޫނެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވީނަމަވެސް މިތާރީޚަކީ އަދިވެސް ފަސްވުން އެކަށީގެންވާ ތަރީހެއްކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ. ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގައައި ރާއްޖޭގައިވެސް ކަންކަން ބަދަލުވެން މިދަނީ ހީވެސް ނުކުރާ ގޮތަކަށް ކަމަށްވާއިރު، ޕްލައިން ކުރެވިފައިވާ ގިނަ ކަންކަން ވަރަށްބޮޑަށް ފަސްކުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ޞިއްޚީ ގޮތުން ކުރިމަތިމިވާ ބޮޑު ގޮންޖެހުމާއިއެކު ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާ ކަންކަން އެހާއަވަހަށް ތާވަލްކޮށް ބޭއްވުމަކީ ސަރުކާރަށްވެސް ބުރަބޮޑުވާނެކަމަށް ނިޔާޒް ވިދާޅުވިއެވެ. މިފަދަ ކަންކަން ސަރުކަރާއި ރައްޔިތުންނަށްވެސް ބުރަބޮޑު ނުވާނޭގޮތަކަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގައާއި، އާ ޤާނޫނު އެކުލަވާލުމުގައި މެމްބަރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުކުމަށް 2435 މީހަކު ފޯމްވެސް ހުށަހަޅާފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިމަތިލާފައިވަނީ 1817 ފަރާތަކުންނެވެ.