ޚަބަރު

ސީއެޗްސީގެ ފުރަތަމަ ޕްރިންސިޕަލް ޑރ މާލިކު ކޯވިޑް ބަލީގައި އަވަހާރަވެއްޖެ


ކުރީގެ ސައިންސް އެޑިކޭޝަން ސެންޓަރ (މިހާރުގެ ސީއެޗްސީ ) ގެ ފުރަތަމަ ޕްރިންސިޕަލް ޑރ އިބްރާހިމް އަބްދުލްމާލިކު ކޯވިޑް 19 ޖެހިގެން ފަރުވާދެމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.

ޑރ އިބްރާޙިމް އަބްދުލްމާލިކް އަކީ ހާވަޑް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި އިނގިރޭސިވިލާތަށް ނިސްބަތްވާ ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑަގަންނަވާ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީތަޢުލީމަށް ކިޔަވައިދޭ ކޮލެޖެއް ހައްދަވާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ މާލިކް ސީއެޗްސީގެ ޕްރިިންސިޕަލްގެ ގޮތުގައި 1979 ފެށިގެން 1981 ގެ ނިޔަލަށް މަސައްކަތްކުރައްވާފައިވެއެވެ.

ބާރބޮޑަސް އާއިލާއަކަށް ނިސްބަތްވެ ވަޑާއިގަންނަވާ ޑރ މާލިކު އުފަންވެވަޑާއިގަތީ އެމެރިކާގައެވެ. ޑރ މާލިކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ ޔުނެސްކޯއިން ލިބިވަޑައިގެންވި ފުރުސަތެއްގައި 1979 ވަނަައަހަރުއެވެ. އޭރު އެންމެ ފުރަތަމަ މަސައްކަތަކަށްވެޑައިގަތީ އަމީނިއްޔާ ސްކޫލްގައި ސައިންސް ލެބެއް ޤާއިމުކުރެއްވުމެވެ. އެއަށްފަހު ރާއްޖޭގައި މަތީ ތައުލީމަށް ކިޔާވާދިނުމަށް ސައިންސާއި އާޓްސް ކިޔަވާދޭނެ ސްކޫލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ޑރ މާލިކް ފެއްޓެވިއެވެ. އެއާއި އެކު އަމީނިއްޔާގެ ސައިންސް ލެބް ހުރިތަން އޭރުގެ ސައިންސް އެޑިއުކޭޝަން ސެންޓަރ (އެސްއީސީ) އަށް ބަދަލުކޮށް އެތަނުގައި ކިޔަވާދެން ފެށިއެވެ.

ޑރ އިބްރާޙިމް އަބްދުލްމާލިކް ލީޑަރޝިޕްގެ ދަށުން ތަޢުލީމް ޙާސިލްކުރެއްވި ގިނަ ބޭފުޅުން އަންނަނީ ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވަމުންނެވެ. އޭނާ ވަނީ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް 70 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތް ކުރައްވާފައެވެ.

ޑރ. މާލިކް އޭނާގެ ފުރަތަމަ ޕީއެޗްޑީ ސައިންސް އެންޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކުރެއްވީ 1971 ވަނައަހަރުއެވެ. އެއަށްފަހު 2007 ވަނަ އަހަރު އިސްލާމިކް ސްޓަޑީސް އިން ގްރެޖުއޭޓުން ދެވަނަ ޕީއެޗްޑީވަނީ ހާސިލުކުރައްވާފައެވެ.

ކޯވިޑް 19ގެ ބަލީގައި ޑރ އިބްރާޙިމް އަބްދުލްމާލިކް އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 97އަހަރެވެ.