ޚަބަރު

ކޯވިޑް-19 : އޮންލައިންކޮށް ލިބޭ ޙިދުމަތްތައް، ގޭގައި ތިބެގެން އޮންލައިންކޮށް ހޯދާ!


ގިނަބަޔަކު ތޮއްޖެހިގެން ބޭންކުތަކުން މިއަދު ހޯދި ގިނަ ޚިދުމަތްތަކީ އޮންލައިންކޮށް ލިބޭގޮތަށް ހަމަޖައްސާފައިވާ ޚިދުމަތްތަކެއްކަމަށާއި، މިދަނޑިވަޅުގައި މިފަދަ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބޭންކްތަކުން އިލްތިމާސްކޮށްފިއެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިއަދު ބޭންކްތައް ހުޅުވުމާގުޅިގެން ގިނަބަޔަކު ތޮއްޖެހި ދިގު ކިއުއެއް ހަދައިގެން ޚިދުމަތް ހޯދާފައިވާކަމަށެވެ.

މިއަދު ގިނަބަޔަކު ހޯދި މިފަދަ ޚިދުމަތްތަކުގެ ތެރެއިން ގިނަ ޚިދުމަތްތަކީ އޮންލައިންކޮށް މިހާރުވެސް ބޭންކުތަކުން ދެމުންދާ ޚިދުމަތްތަކަށްވާއިރު މިފަދަ ބަލިމަޑުކަމެއް އޮތް ދުވަސްވަރެއްގައި އެފަދަ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް ބޭންކުތަކުން އިލްތިމާސްކުރައްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބޭންކުތަކަށް ގޮސްގެން ޚިދުމަތް ހޯދާ މީހުންނަށް ވަކި ދުރުމިނެއްގައި ތިބެން ޚިދުމަތް ހޯދުމަށާއި މިގޮތަށް ދީފައިވާ އެހެންވެސް އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މަބުރޫކްވަނީ އިލްތިމާސް ކުރައްވާފައެވެ. ބޭންކުތަކުން ލިބޭ ޚިދުމަތް ދިނުމަށްޓަކައި އަންނަ ހަފުތާގައިވެސް ތިން ދުވަހަށް ބޭންކްތައް ހުޅުވައިގެން ޚިދުމަތްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ވަނީ ހަމަޖައްސަވާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުވެސް ބޭންކް ހުޅުވާފައި ހުންނާނެކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު 09:30އިން ފެށިގެން މެންދުރު 12:30އަށް ބޭންކުތަކުން ޚިދުމަތް ދެމުން އަންނާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.