ޚަބަރު

ކޯވިޑް-19 : ކަރަންޓީނުގައި ތިބި 4 މީހަކު ދޫކޮށްލައިފި


ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ކަރަންޓީނުގައި ބޭއްތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލައިފައިވާކަމަށް ނޭޝަނަލް އެމަޖެސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިްވެފައެވެ. މި ބައްޔަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އިޓަލީއަށް ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ފަތުރުވެރިޔާއަށް ފަރުވާދިން ކުރެއްދޫ ރިސޯޓްގެ ތުރުކީ ޑޮކްޓަރެވެ. އޭގެ ފަހުން އެ ރިސޯޓުންނާއި އިތުރު އެހެން ބައެއް ރިސޯޓްތަކާއި ސަފާރީއަކުން 13 ބިދޭސީއަކު މިބައްޔަށް ޕޮޒިޓިވްފެފައިވެއެވެ. މީގެތެރޭގައި ފަތުރިވެރިންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.

މި ބައްޔަށް އެންމެ ފުރަތަމަ ޕޮޒިޓިވް 13 މީހުން މި ބަލިން ރަނގަޅުވެފައިވާކަން ނޭޝަނަލް އެމަރޖެސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.މި 13 މީހުންވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައިވާކަން އެޗްޕީއެން ވަނީ ހާމަކޮށްފައެވެ.

މި ބަލީގައި މިހާރު ފަރުވާދެމުން އަންނަނީ މި ބައްޔަށް ޕޮޒިޓިވް 4 ދިވެހިންނަށެވެ. މި އެންމެނަކީވެސް އިނގިރޭސިވިލާތުން ރާއްޖެއައި ހަތަރު މީހުންނެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ. މުސާ މުރާދު ވިދާޅުވީ މި ބައްޔަށް ޝައްކުކުރެވިގެން ކަރަންޓީނުގައި ބޭއްތިބި މީހުންގެ ތެރެއިން 4 މީހަކު މީހާރު ދޫކޮށްލާ ފައިވާކަމަށެވެ. ޑރ މުރާދު ވިދާޅުވީ ޓެސްޓްކުރާ މީހުންގެ ތެރެއިން ނަތީޖާ ނެގްޓިވްވި ނަމަވެސް ހައިރިސްކް ސަސްޕެކްޓް ކުރެވޭ މީހުން ކަރަންޓީނަށް ގެންދާކަމަށެވެ. އަދި މީގެތެރެއިން މިހާތަނަށް ދޫކޮށްލި ހަތަރު މީހުންނަކީ އެމީހުންގެ ސާމްޕަލް ދެވަނަ ފަހަރަށްވެސް ނަގާ ޓެސްޓްތަކުން ޑަބަލް ނެގެޓިވް ވުމުން ދޫކޮށްލާފައިވާ މީހުންކަމަށް ޑރ މުރާދު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބަލަމުންދާ ނެގެޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ދޫކޮށްލާފައި ވާނެ. އެއީ ދެ ސާމްޕަލް ނެގެޓިވް ވުމުން. ނެގެޓިވް މީހުން ތެރެއިން ބަލަހައްޓަނީ ތަންކޮޅެއް ސިމްޕްޓޮމެޓިކް ސަސްޕިޝަން ބޮޑު މީހުން،" ޑރ. މޫސާ މުރާދު ވިދާޅުވި އެވެ.

ޑޮކްޓަރ ވިދާޅުވީ ކޯވިޑް-19 ޖެހޭ މީހުންނާއި ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުންނާމެދު އަމަލުކުރެވޭގޮތަށް ވަރަށް ތަފާތުވާނެކަމަށެވެ. ބައްޔައް ޝައްކުކުރެވިގެން ކަރަންޓީނު ކުރެވޭ މީހުން 14 ދުވަސްވަންދެން ކަނޑައެޅިފައިވާ ތަނެއްގައި ބައިތިއްބާއިރު އެމީހުންގެ 14 ދުވަސް ގުނާނީ ކަރަންޓީނަށް ގެންދެވޭ ދުވަސްނޫން ޖެހިގެން އަންނަ ދުވަހުން ފެށިގެންކަމަށްވެސް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ. އަދި ކަރަންޓީނުގައި ހުންނަތާ 14 ދުވަސް ހަމަވުމުން ޖެހިގެން އަންނަދުވަހު އެމީހެއްގެ އިތުރު ޓެސްޓެއް ހަދާނެކަމަށެވެ. އަދި އެމީހަކު ކަރަންޓީނުން ދޫކޮށްލާނީ އެ ޓެސްޓު ނެގެޓިވްވުމުންނެވެ.

ނޭޝަނަލް އެމަރޖެސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 18 މީހަކު އެބަ ތިއްބެވެ. އޭއީ ވެލިދޫގައި ތިބި 15 މީހަކާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބި 3 މީހުންނެވެ. މީގެއިތުރުން ކަރަންޓީނު ފެސިލިޓީތަކުގައި 867 މީހުން އެބަ ތިއްބެވެ.