ޚަބަރު

މެލޭޝިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނީ އޭޕްރިލް މަހުގެ މެދުދެތެރޭގައި


މެލޭޝިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނީ އޭޕްރިލް މަހުގެ މެދުދެތެރޭގައިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ލަފާކޮށްފިއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދަނީ މެލޭޝިޔާގައެވެ. އެޤައުމުގައި 3،100އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ވައިރަހުގެ އަސަރުކޮށްފައިވެއެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 50އަށް އިތުރުވެފައެވެ. އެޤައުމުގައި ވައިރަސް ފެތުރޭ މިންވަރު ދަށްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ދަތުރުފަތުރުކުރުމާއި އެއްވެއުޅުން މަނާކުރާ ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ. އަދި ވައިރަހަށް ތަޙުލީލުކުރާ މިންވަރުވެސްވަނީ ވަރަށް ބޮޑަށް އިތުތުކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނީ މެލޭޝިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ކޮންމެވެސް ވަރަކަށް ފެންނަން ފަށާފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް އެއްކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ވައިރަސް ފެތުރޭ މިންވަރު ދަށްވާން ފެށުމުގެ ކުރިން ކުރިއަށް އޮތް ދެހަފުތާގެ ތެރޭގައި އެޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެއެވެ. ނަމަވެސް އެޖަމްޢިއްޔާގެ ހިސާބުތައް ބަދަލުވުން އެކަށީގެންވާކަމަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެއެވެ.

އޭޕްރިލް މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި މެލޭޝިޔާގައި ވައިރަސް ފެތުރޭ މިންވަރު ހިފެހެއްޓެން ފަށާނެކަމަށް މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން އަންދާޒާކުރެއެވެ. ނަމަވެސް ޑަބްލިއުއެޗުއޯގެ މެލޭޝިޔާއާއި ބުރުނާއީއާއި ސިންގަޕޫރަށް ހުންނަ ސަފީރު ޔިންރު ލޯ ވިދާޅުވީ ވައިރަސް ފެތުރޭ މިންވަރު ދަށްކުރެވެން ފަށާފައިވާކަމުގެ ނިޝާންތައް ފެނުނުނަމަވެސް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދޫދީ، ރައްޔިތުން ފަރުދީ ޒިންމާ ޢަދާކުރުމުގައި ފަރުވާކުޑަކޮށްފިނަމަ ވައިރަސް ފެތުރޭ މިންވަރު އިތުރުވުން އެކަށީގެންވާކަމަށެވެ. މިވަގުތަށް ލިބެންހުރި މަޢުލޫމާތަށް ބަލާއިރު މެލޭޝިޔާގެ އެތެރޭގައި ވައިރަސް ފެތުރޭ މިންވަރު އެހާ މަތި ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.