ޚަބަރު

ކޯވިޑް-19 : މާލެސިޓީގެ މާރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި


މާލެސިޓީގެ މާރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް މާލެ ސިޓީކައުންސިލުން ބަދަލު ގެންނަވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މާދަމާއިން ފެށިގެން މާލެސިޓީގެ މާރުކޭޓުތައް ކަމަށްވާ މާލޭ ލޯކަލްމާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓާއި، މާލޭ މަސްމާރުކޭޓުގެ އިތުރުން ވިލިމާލެ ލޯކަލް މާރުކޭޓުގެ ޚިދުމަތް ދޭނީ ހެނދުނު ހަޔަކުން ހަވީރު ހަތަރެއް ޖަހަންދެންނެވެ.

އަދި މިގޮތަށް ހަމަޖެއްސެވީ މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ނެރުއްވާފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މި ގަޑިތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަށް، މާރުކޭޓު ގޮޅިތައް ހިންގާ ފަރާތްތަކަށާއި މާރުކޭޓުން ވިޔަފާރިކުރާ ފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.