ޚަބަރު

ކޯވިޑް-19 : ސާމްޕަލް ނަގައި އެއްކުރާ މީހުން ، މިޓީމަށް ހަމަ ސާބަސް


ކޯވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ މިވަނީ ހާސްކަމެއްގެ ތެރޭގައެވެ. މި ބަލި މުޅި ދުނިޔެއަށް ފެތުރި އެ ބަލީގެ ބިރުވެރިކަން މިވަނީ ރާއްޖެއަށްވެސް ފޯރާފައެވެ. ރާއްޖެއިން މިހާތަނަށް މި ބައްޔަށް ވަނީ 19 މީހުން ޕޮޒިޓިވްވެފައެވެ. މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެތެރެއިން 13 މީހުން ވަނީ މުޅިން ރަނގަޅުވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވް ވެފައިވާ ހަތަރު ދިވެއްސަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19 ގެ ބިރުވެރިކަން އަޅުގަނޑުމެންގެ ރާއްޖެއާ ހަމައަށްވެސް އައިސްފައިވާއިރު މިބަލިމަޑުކަމުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި ބައްޔަސް ޕޮޒިޓިވްވި ގިނަ ބަޔަކު މިހާރުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ކާމިޔާބީގެ ޝުކުރު ހައްޤު އެންމެ މުހިންމު ބަޔަކީ ސިއްޙީ ޚިދުމަތްތެރިންނެވެ. މުޅި ރާއްޖެއަށް ކުރިމަތިވެފައިމިވާ މިނުރައްކާތެރި ހާލަތުގައިވެސް އެ ޚިދުމަތްތެރިން އެންމެ ކުރީ ސަފަށް ނުކުމެ މަސައްކަތް ކުރައްވަނީ ބިރުވެރި އަދި އެހާމެ ނުރައްކާތެރި މާޙައުލެއްގައެވެ. ގައިންގަޔަށް ފަސޭހައިން އަރާ މިބަލި ކޮންޓްރޯލްކޮށް ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ސިއްޙީ ޚިދުމަތްތެރިން އެކުރަނީ ފާހަގަކުރަންޖެހޭ ޤައުމީ މަސައްކަތެކެވެ.

މިބޭފުޅުންގެ ތެރެއިން އަޅުގަނޑުމެންނަށް މީޑިއާއިންނާއި އެނޫންވެސް ގޮތްގޮތުން ފެންނަ މޫނުތަކަކީ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުން ވަރަށް މަދު ޢަދަދެކެވެ.

ކޯވީޑް-19އަށް ޝައައްކުކުރެވޭ މީހަކު ފެނިއްޖެނަމަ ޢަމަލުކުރާނެ އުސޫލްތަކެއް އެބައޮތެވެ. ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައި ތިބޭ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯޓްރީ ޓެކްނީޝަނުންނާއި އެނޫންވެސް ބޭފުޅުން މަސައްކަތްކުރަމުން އަންނައިރު، ބައްޔަށް ޝައްކުކުރެވޭ މީހާއާއި އެންމެ ފުރަތަމަ ބައްދަލުވަނީ ޑޮކްޓަރުން، ނަރުހުން ނުވަތަ ސާމްޕަލް ޓެސްޓްކުރާ މީހުންނެއްވެސް ނޫނެވެ.

ބައްޔަށް ޝައްކުކުރެވޭ މީހާއާއި އެންމެ ފުރަތަމަ ބައްދަލުކުރަނީ "ރެޕިޑް ރެސްޕޮންސް ޓީމް، (އާރުއާރުޓީ)"ގެ މެންބަރުންނެވެ. އެފަދަ މީހެއްގެ ގައިން ސާމްޕަލް ނެގުމަށްޓަކައި އެ ބަލިމީހާ ހުރިތަނަށް އެންމެ ފުރަތަމަދަނީ އާރު.އާރު.ޓީގެ މެންބަރުންނެވެ.

މި ސެންޓަރުގެ މެންބަރުން ޓިމްތަކަކަށް ބަހާލައި 3 ނުވަތަ 4 ޓީމު އަބަދުވެސް ތައްޔާރަށް 24 ގަޑިއިރު ތިބެއެވެ. އަދި ބެކަޕް ޓީމްތައްވެސް އޮވެއެވެ. 70އަށްވުރެ ގިނަ ވޮލެންޓިއަރުންނާއެކު މިޓީމް މަސައްކަތްކުރަމުންދާނީ ވީ އެންމެ އަވަހަކަށް ސާމްޕަލް ނަގައި އައިޖީއެމްއެޗަށް ފޮނުވުމަށެވެ.
ކޯވިޑް-19އަށް ޝައްކުކުރެވޭ މީހެއްގެ ސާމްޕަލް ނަގަންދާ މިޓީމުގައި ހިމެނެނީ ޓީމުގެ ލީޑަރާއި، ސާމްޕަލްނަގާ ޕްރޮފެޝަނަލް މީހަކާއި، ސައިކޯ ސޯޝަލް އޮފިސަރަކާއި، ޑިސްއިންފެކްޓްކުރާނެ މީހެކެވެ.

އާރުއާރުޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސާމްޕަލް ނަގާ ޓިމްގައި ހިމެނޭ ޓީމް ލީޑަރު ފާޠިމަތު އަނާ ވިދާޅުވީ، ސާމްޕަލް ނަގަންދިއުމަށް ފޯނުކޯލެއް އަންނަ ހިސާބުން އެންމެ ފުރަތަމަ ނިންމަނީ ސާމްޕަލް ނަގަންދާ ބޭނުމާއި ސާމްޕަލް ނަގަންޖެހެނީ ކޮންކަހަލަ ބައެއްގެތޯކަމެވެ. އަދިއެއަށްފަހު ސާމްޕަލް ނަގަންދާނެ ޓީމް އެކުލަވާލާކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރި މީހާގެ ސާމްޕަލް ނެގުމުގައާއި އޭނާގެ ކޮންޓްރެކްޓް ޓްރޭސިންގ ހެދުމުގައި އެކުލަވާލާ ޓީމު ތަފާތުވެއެވެ.

ސާމްޕަލް ނަގަން އެތަނަކަށް ނުވަތަ ސީންއަށް ދިއުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައެވެ. އަދި ސާމްޕަލް ނަގަންޖެހޭ ތަނަށް ދިއުމަށްފަހު ޤާނޫނީ ލިޔުމުގައި ސާމްޕަލް ނަގަންޖެހޭ މީހާ ސޮއިކުރަންޖެހެއެވެ. އޭގެފަހުން ސާމްޕަލް ނަގާނެގޮތް ކިޔައިދެއެވެ. އަނާ ފާހަގަކުރެއްވިގޮތުގައި ސާމްޕަލް ނެގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ސާމްޕަލް ނަގަންޖެހެނީ ނޭފަތުގެ އެތެރޭގެ ދެފަރާތުން ދެ ސާމްޕަލަކާއި އަނގަތެރެއިން ކަރުގެ ވަކި ހިސާބުން ނަގާ ސާމްޕަލެއްކަމަށް ވުމެވެ.

"އުނދަގޫ ކަމެއް ސާމްޕަލް ނެގުމަކީ. އެހެންވެ ސަމްޕަލް ނަގާނެ ގޮތާ ނަގާއިރު ވާނެ އިޙްސާސްތައް އެމީހަކަށް ކިޔައިދެވޭނެ. އެއަށްފަހު ސާމްޕަލް ނަގާ އެގެޔަކާއި ހިނގާފައިދާ ކޮންމެ ތަނެއް "ޑީކޮންޓިމިނޭޓް"ކުރާނެ. އަޅުގަނޑުމެން ޔަޤީންކުރަން ފިޔަވަޅު އަޅާ ކޮންމެ ތަނަކީ ކްލީން އޭރިއާއަކަށް ހެދުމަށް. ސާމްޕަލް ނަގާ ހިސާބުން ފުރަތަމަ އަންގި ނަގާ ބޭގަށްލާނެ. އަދި އަޅާފަހުރި ޝީލްޑް ސްޕްރޭކޮށް ވަކި ސަރަހައްދަކަށްގޮސް ހުރިހާ ތަކެތި ރިމޫވްކުރުމަށްފަހު ކަޅު ކޮތަޅަށްއަޅާ އެމްއެންޑީއެފްއާއި ވެމްކޯގެ ފަރާތުން ނައްތާލާނެ." އަނާ ވިދާޅުވިއެވެ.

މި މަސައްކަތްކުރުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެންނަމަވެސް އަމިއްލަ ގަޔަށް ވައިރަހުގެ އަސަރުކޮށްފާނެތީ ބިރުގަންނަން ނުޖެހޭކަމަށް އަނާ ބުންޏެވެ. ސަބަަބަކީ ސާމްޕަލް ނެގުމުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާތީއެވެ. އަދި މިކަމުގައި ބޭނުންކުރަނީ ޑަބްލިއު އެޗްއޯގެ މިންގަނޑުތަކަށް ފެތޭ ކޮލިޓީ ތަކެތިކަމަށްވާތީއެވެ.

ސާމްޕަލް ނެގުމުގައި ޢަމަލީގޮތުން ބައިވެވަޑައިގަންނަވާ އައިޝަތު މާޖިދާ ވިދާޅުވިގޮތުގައި އެންމެ އުނދަގޫވަނީ ކުޑަކުދިންނާއި މުސްކުޅިންގެ ސާމްޕަލް ނެގުމަށެވެ. ނަމަވެސް މިހާތަނަށް ނެގި އެއްވެސް ސާމްޕަލްއެއް ގޯސްވެފައި ނުވެއެވެ. ބައެއް މީހުންގެ ސާމްޕަލް ރިޕީޓްކޮށް ނަގަންޖެހޭކަމަށާއި، ބައެއް މީހުންގެ ސާމްޕަލް ނެގުމަށް ވަރަށް ގިނަ ވަގުތު ހޭދަކުރަންވެސް ޖެހޭކަން މާޖިދާ ފާހަގަކުރެއްވިއެވެ.

"ބައެއ ފަހަރު އެންޒައިޓީ ހުންނަ މީހެއްވެއްޖާ ވަކިން އުނދަގޫވޭ. މިއީ ފަސޭހަ ކަމެއްނޫން. ނޭފަތުގެ ތެރެއަށް ސްކޯޕެއް ލީމަ ވަރަށް އުނދަގޫވާނެ ގިނަބަޔަކަށް. ނެގި ސާމްޕަލްއެއް ގޯސްވެފައެއް ނެތް. އަސްލު ބިރެއް ނުގަނޭ. ބިރު ނުގަންނަނީ އެއީ މީ ކިހިނެއްވާކަމެއްކަން އެނގޭތީ. ނެގި ސާމްޕަލް ޕޮޒިޓިވްވާ ހިސާބުން ޔަޤީންވޭ ނެގި ސާމްޕަލް ރަނގަޅުކަން. ރަނގަޅަށްކަން ސާމްޕަލް ނެގުނީ. ނެގެޓިވް ވިޔަސް ނެގި ހުރިހާ ސާމްޕަލެއްވެސް ނެގިފަހުރީ ރަނގަޅަށް" މާޖިދާ ވިދާޅުވިއެވެ.

ތަފާތު މިޒާޖުގެ މީހުންގެ ސާމްޕަލް ނަގަންޖެހޭއިރު ބައެއް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދި ނުތަނަވަސްކަން އުފެދޭގޮތްވެއެވެ. ސާމްޕަލް ނަގަންދާ ޓީމްގައި ސައިކޯ ސޯޝަލް އޮފިސަރެއްވެސް ހިމެނެނީ އެހެންވެއެވެ.

ސައިކޯ ސޯޝަލް ސަޕޯޓް އޮފިސަރ އާމިނަތު ޝަހުޒާ ވިދާޅުވީ، ސާމްޕަލް ނެގުމުގެ ކުރިން އެމީހެއްގެ އިޙްސާސްތައް ދެނެގަންނަކަމަށެވެ. އެގޮތުން އެމީހާ ދައްކާ ވާހަކަތައް އަޑުއަހައި އެމީހަކަށް އެންމެ ބޭނުންވާ ކަންކަން ދެނެގަނެ އެމީހާއަށް ބޭނުންވާނެ އެހީތެރިކަމާއި ވަސީލަތްތަކަކީ ކޮބައިކަން ހޯދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ މީހެއްނަމަވެސް ކޯވިޑް ހާލަތުގަ ގިނަ ބަޔަކު ތިބެނީ ހިތް އަވަސްވެފައި. އަބަދުވެސް ބިރުގަނެފަ. މާލެގަ ނަމަ އައިސޮލޭޝަނަށް ދާ މީހެއްނަމަ އެމީހާއަށް ބޭނުންވަނީ ކޮންކަހަލަ ބޭންތަކެއްތޯ ބަލަން. އެއީ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްތޯ، ކުޑަކުއްޖެއްނަމަ އެކުއްޖެއްގެ ނީޑްސް. އަދި ކެއުން ބުއިން ހަމަޖެހިފައި ހުންނަގޮތް ބަލަން. އެމީހާއަށް ބޭނުންވާ ވަސީލަތްތައް ލިބިފައިހުރިތޯ ބަލައިލުން މުހިންމު. އަދި އޭނާއަށް ޑިޕެންޑްވާ އެހެން ބަޔަކު ތިބިތޯ ބަލާ ވަހަކަދައްކާ އެމީހާ ހަމަޖައްސާލުން އެއީ ވަރަށް މުހިންމުކަމެއް. އަދި އާއިލާގެ ތެރޭގައި އޮންނަ ބިރުވެރިކަންވެސް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައްވެސް ބަލިމީހާއަށް ކިޔައިދެން." ޝަހުޒާ ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅައިގެން އާރުއާރުޓީން މަސައްކަތްކުރިނަމަވެސް މުޖުތަމަޢުގެ ބައެއް ފަރާތްތަކުން އެމީހުންނާމެދު ދެކޭގޮތް ތަފާތެވެ. އާރުއާރުޓީން ފާހަގަކުރިގޮތުގައި އެމީހެއްގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އެހެންމީހުން ވިސްނާ މިންވަރަށްވުރެ ބޮޑަށް ވިސްނާނެކަން ޤަބޫލުކުރަންޖެހެއެވެ. އަދި ސާމްޕަލް ނަގައިނިމި އާއިލާއާއި ރައްޓެހިންނާއެކުވެސް ވަގުތު ހޭދަކުރާކަމަށް އޭނާ ވިދާޅުވިއެވެ.