ޚަބަރު

ކޯވިޑް-19 : ޙައްޖުގެ ކަންކަން މަޑުޖައްސާލުމަށް ސަޢުދީން އިލްތިމާސްކޮށްފި


ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަން ހަމަޔަކަށް އެޅެންދެން ޙައްޖުގެ ކަންތައް މަޑުޖައްސާލުމަށް ހައްޖަން ދާން ރާވަމުންދާ ފަރާތްތަކަށް ސަޢުދީ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ކޯވިޑް-19 ސަޢުދީ ޢަރަބިއްޔާއިން ފެނުމާއި ގުޅިގެން އެޤައުމުން ވަނީ ޢުމްރާގެ ޢަޅުކަން މަޑުޖައްސާލާ، އެޤައުމަށް އެހެން ޤައުމުތަކުގެ ފްލައިޓްތައް ދިއުން ހުއްޓާލާފައެވެ. އަދި އެ ޤައުމުގައި ވަނީ ވަކި ވަގުތުތަކެއްގައި ކާފިއު އިޢުލާންކޮށް ޢާންމުން ބޭރަށް ނިކުތުން މަނާކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ މިނިސްޓަރ ޑރ.މުޙައްމަދު ޞާލިޙް ބެންތެން އެޤައުމުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޙައްޖާއި ޢުމްރާގެ ޢަޅުކަމަށް އެޤައުމަށްދާ ޙައްޖާޖީންނަށް ޚިދުމަތް ދިނުމަށް ސަޢުދީން އޮތީ ތައްޔާރަށްކަމަށެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާއިން މިވަގުތު އެންމެ އިސްކަންދެނީ ސަޢުދީ ރައްޔިތުންނާއި ދުނިޔޭގެ ހުރިހާ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. އެހެންކަމުން މި ބަލިމަޑުކަމުގެ ދުވަސްވަރު ޙައްޖުގެ ޢަޅުކަން ރާވަމުންދާ ފަރާތްތަކުން މިވަގުތަށް އެކަންކަން މަޑުޖައްސާލުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ޙައްޖުގެ ކަންކަން މަޑުޖައްސާލުމަށް ސަޢުދީ ސަރުކާރުން އިލްތިމާސްކުރައްވާފައިވާއިރު، މީގެ ކުރިން ދުނިޔޭގައި ހަލުވިކަމާއެކު މެލޭރިޔާ ފެތުރުނު ދުވަސްވަރު 632 ޙާޖީން މަރުވެފައިވެއެވެ. އަދި 1821 ވަނަ އަހަރު ކޮލެރާ ފެތުރުނު ދުވަސްވަރު 20،000 ހާޖީން މަރުވެފައިވެއެވެ.

ޙައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަން މީހުން މައްކާއާއި މަދީނާއަށް ޒިޔާރަތްކުރެއެވެ. ސަޢުދީ އަރަބިއްޔާގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 1,563އަށް އަރާފައެވެ. އަދި ފާއިތުވި ސަޢުވީސް ގަޑިއިރުވެސް އެގައުމުން ވަނީ އަލަށް 110 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި މިހާތަނަށް ދެ މީހުން އެޤައުމުން ވަނީ މަރުވެފައެވެ.