ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއައީ 2 ދިވެހިން، އެކަކު އައިސޮލޭޝަނަށް


މިއަދު ރާއްޖެއައީ ދެ ދިވެހިންކަމަށާ، އޭގެތެރެއިން އެކަކު ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން، ވެލިދޫ އައިސޮލޭޝަނަށް ގެންގޮސްފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާގުޅިގެން ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކުވެސް 14 ދުވަހުގެ ކަރަންޓީނަކަށް ގެންދަން ނިންމާފައިވާކަމަށެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުގެ ތެރެއިން ބޭރުމީހުންނަށް ރާއްޖެއައުން މަނާކުރުމާގުޅިގެން ރާއްޖެއަށް އަންނަ މީހުންގެ ޢަދަދުވަނީ ވަރަށްބޮޑަށް މަދުވެފައެވެ. މިއަދުވެސް ބޭރުގެ ޤައުމަކުން ރާއްޖެ އައިސްފައިވަނީ 2 ދިވެއްސެކެވެ. މިދެމީހުންގެ ތެރެއިން އެކެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން އޭނާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށެވެ. އަނެއް މީހާ ގެންގޮސްފައިވަނީ ބަޑޮސްއައިލެންޑް ރިސޯޓްގެ ކަރަންޓީނަށްކަމަށް މަބުރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން މިހާތަނަށް ވަނީ 1137 ސާމްޕަލް ނަގާފައެވެ. މީގެ ތެރެއިން 1114 ސާމްޕަލްގެ ނަތީޖާ ކޯވިޑަށް ނެގެޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 18 މީހެކެވެ. މިހާތަނަށް ނަތީޖާ ނުލިބި 5 ސާމްޕަލެއް ވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު ބަލިން ރަނގަޅު ވެފައިވާ 13 މީހުންނައި ބަލީގައި ފަރުވާ ހޯދަމުންދާ 3 ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތަފާސްހިސާބް

  • 7 މާރޗް 2020ގައި ކުރެއްދޫ އިން 2 މީހުން
  • 9 މާރޗް 2020ގައި ބަތަލާ ރިސޯޓުން 2 މީހަކު
  • 9 މާރޗް 2020ގައި ކުރެއްދޫއިން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ
  • 11 މާރޗް 2020ގައި ކުރަމަތި ރިސޯޓުން 2 ބިދޭސީއަކު
  • 13 މާރޗް 2020ގައި އަނަންތަރަ ދިގު ރިސޯޓުން 1 ބިދޭސީއެއް
  • 14 މާރޗް 2020ގައި ކުރެއްދޫއިން 1 މީހެއް
  • 15 މާރޗް 2020ގައި އަންނަތާރާ ދިގު ރިސޯޓުން 1 މީހަކު
  • 15 މާރޗް 2020ގައި އައިލެންޑް ސަފާރީން 2 މީހެއް
  • 27 މާރޗް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 27 މާރޗް 2020ގައި ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 މީހެއް
  • 29 މާރޗް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 31 މާރޗް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް

ބަލިޖެހިގެން ރަނގަޅުވި މީހުން

  • 20 މާރޗް 2020ގައި 2 މީހެއް
  • 21 މާރޗް 2020ގައި 1 މީހެއް
  • 23 މާރޗް 2020ގައި 2 މީހެއް
  • 25 މާރޗް 2020ގައި 3 މީހެއް
  • 26 މާރޗް 2020ގައި 1 މީހެއް
  • 28 މާރޗް 2020ގައި 2 މީހެއް
  • 29 މާރޗް 2020ގައި 2 މީހެއް

ބަލިޖެހިގެން ފަރުވާ ދެމުންދަނީ ދިވެހި 3 މީހުން

މަބްރޫކް ވިދާޅުވީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ކްލިނިކްތަކުން ފާއިތުވެދިޔަ 24 ގަނޑި އިރުގެ ތެރޭގައިވެސް ގިނަބަޔަކު ޚިދުމަތް ހޯދާފައިވާކަމަށެވެ. އެގޮތުން 228 މީހަކު މިތަންތަނުން ޚިދުމަތް ހޯދާފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.