ވިޔަފާރި

ކޯވިޑް-19 : އުރީދޫ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޚާއްސަ ޙާލަތުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކުރުމުގެގޮތުން އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5ޖީބީ ޑޭޓާ ހިލޭ ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މިފިޔަވަޅު އަޅާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ޢާއްމު ދިރިއުޅުމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ގެނެސްދީ، ގައިދުރުކަން ބަހައްޓައި ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެންގެވުމާއެކުއެވެ. އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭނަށް މިހާރު ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5ޖީބީގެ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުގެ މަތިން، މި އޮފަރ ތަޢާރަފް ކުރެވިފައިވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިހު އެދިވަޑައިގެންނެވުމާއެކުއެވެ.

އުރީދޫންބުނީ މިއޮފަރގެ މަޤްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުން ކަމަށެވެ. އެގޮތުން، ނަގާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެއެވެ.

ސުޕަރނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެއެވެ. މި އެލަވަންސްއަކީ ކޯވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ޙާއްސަ އޮފރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އުރީދޫން ހާމަކުރެއެވެ.

މި އޮފަރ ގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ދަނީ އަގަކާ ނުލާ، ކޯވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެހީ ވުމުގެ ގޮތުން އިތުބާރުހިފޭ ހަލުވި އިންޓަނެޓް ފޯރުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ސަރުކާރުގެ އެދިލެއްވުމާއި އެކު،

އުރީދޫ އިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި:

- ކޯވިޑް-19 ޓާސްކްފޯރސް ސެންޓަރުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
- މަޖުބޫރީ އެކަހެރިކަމުގަ އާއި ކަރަންޓީންގައި ތިބި މީހުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
- މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފް ކުރުން

މި ޕެންޑެމިކް އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25% ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ތައާރަފްކޮށްފައެވެ. ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންގްތައްވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސްއިންދަނީ އިތުރަށްވެސް މަސައްކަތްކުރަމުންނެވެ.