ވިޔަފާރި

ދިރާގުގެ ކަސްޓަމަރުންނަށް ކުރިއަށްއޮތް 2 މަހަށް ހިލޭ ޑޭޓާ ދެނީ


ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ޑޭޓާ ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، ގިނަ ޢަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، އެހެނިހެން ކަންކަން ކުރުމުގައި މިހާރު މިވަނީ އިންޓަރނެޓަށް ބަރޯސާވާން ޖެހިފައިކަމަށެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރުލުޔެއް ދިނުމުގެ ގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށްއޮތް ދެމަހަށް ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދިނުމުން، %70 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވާނެއެވެ. އަދި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން %50 އިތުރު ޑޭޓާ ހިލޭ ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %40 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އޭޕްރީލް އަދި މެއި މަހުގައި ދިނުމަށް ނިންމާފައެވެ. ހަމައެއާއެކު، މާޗް މަހު ހުރިހާ ބޫސްޓަރތަކަށް ދީފައިވާ %50 ޑިސްކައުންޓް އޭޕްރީލް މަހުވެސް ލިބޭނެއެވެ.

ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އޭޕްރީލު އަދި މެއި މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭންވަނީ ނިންމާފައެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަގާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ޤާއިމުކޮށްފައިވާ ހުރިހާ ޓާސްކްފޯސް އޮޕަރޭޝަން ސެންޓަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ދިރާގުން ބުނެއެވެ. ސަރުކާރުން ވަނީ ކޯވިޑާއި ގުޅިގެން އުފައްދާފައިވާ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށާއި، ކަރަންޓީންއާއި އައިސޮލޭޝަންގައިތިބޭ މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް، މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި އެދިފައެވެ.

މިދުވަސްވަރު އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި ސަރުކާރުންވަނީ އެދިފައެވެ.