ޚަބަރު

ކޯވިޑް-19 : އިންޓަރނެޓްގެ ޚިދުމަތުން ލުއިތަކެއް ދިނުމަށް ސަރުކާރުން އެދިއްޖެ


ކޯވިޑާއި ގުޅިގެން އުފައްދާފައިވާ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށާއި، ކަރަންޓީންއާއި އައިސޮލޭޝަންގައިތިބޭ މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް، މުޢާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި ސަރުކާރުން އެދިއްޖެއެވެ.

މިދުވަސްވަރު އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި ސަރުކާރުންވަނީ އެދިފައެވެ.

މިކަމާގުޅިގެން މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލުކުރުމަށް އެދި ސަރުކާރުން ހުށައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.
  • ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓަރ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުމަށްވަނީ އެދިފައެވެ.


މީގެއިތުރަށް ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުމަށްވަނީ އެދިފައެވެ. ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުމަށްވަނީ އިރުޝާދުދީފައެވެ. އަދި މި ދުވަސްވަރަށް ޚާއްސަކޮށްގެން ހެޔޮ އަގުގައި ޕެކޭޖެއް ތަޢާރަފްކޮށްދިނުމާއި، ޑޭޓާ އެލަވެންސް ހަމަވުމުންވެސް ހަލުވި ސްޕީޑެއްގައި އިންތަނެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށްވަނީ އެދިފައެވެ.

މިގޮތަށް ސަރުކާރުން އެދިފައިވަނީ މި ދުވަސްވަރަކީ ގޭގައި ތިބުމަށް އަންގާފައިވާ ދުވަސްވަރަކަށްވާތީ، މަސައްކަތް ކުރުމާއި، ކިޔެވުމުމުގައި ބޭނުންވާ އެހީ އާންމުންނަށް ފަސޭހައިން ދިނުމާއި، އަދި މުޢާސަލާތުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސައި ދިނުމުގެ ބޭނުމުގައެވެ.