ޚަބަރު

އަރުޝަދުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި


ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގދ.ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު ގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ކޯޓުން އިއްޔެ އޭނާ ދޫކޮށްލި މައްސަލަ ރިވިއުކޮށްދިނުމަށް ޕީޖީއަށް ފުލުހުން ދެންނެވުމުން ޕީޖީ މެދުވެރިކޮށް އެމައްސަލަ ރިވިއުކުރުމަށް މިއަދު ކުރިމިނަލްކޯޓްގައި ބޭއްވި އަޑުއެހުމުގައެވެ.

ފުލުހުން އޭނާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ.ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކުރީ އޭނާ އިތުރު ބަޔަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މިމައްސަލައިގަ ވަނީ 9 ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި 4 ގްރާމް އަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފައެވެ. މިމައްސަލައިގަ ގާތްގަޑަކަށް 4.6 މިލިއަން ރުފިޔާގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.