ވިޔަފާރި

ދުނިޔެ، އިޤްތިޞާދީ ކަޅު ވިލާގަނޑެއްގެ ދަށުގައި


ދުނިޔޭގެ ފަހުގެ ތާރީޚުގައި އިޤްތިސާދީގޮތުން ކުރިމަތިވި އެންމެ ބޮޑު ކާރިޘާއަކީ 1929ވަނަ އަހަރު ކުރިމަތިވި ޙާލަތެވެ. "ދަ ގްރޭޓް ޑިޕްރެޝަން"ގެ ނަމުން މަޝްހޫރުވި މި ކާރިޘާ ކުރިމަތިވީ އެމެރިކާގެ ސްޓޮކް މާރުކޭޓުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ. 10 އަހަރު ދުވަހަށް ދިގުދެމިގެން ދިޔަ މި އިޤްތިޞާދީ ކާރިޘާއިން ދުނިޔެއަށް އަރައިގަނެވުނީ 1939ވަނަ އަހަރުއެވެ.

މި ކާރިޘާގައި އެމެރިކާގެ މުޅި އިޤްތިސާދު އިނދަޖެހުނެވެ. އެޤައުމުގެ %25 މީހުންގެ ވަޒީފާ ގެއްލިގެންދިޔައެވެ. މި ކާރިޘާގެ ސަބަބުން ކުރިމަތިވި ބަނޑުހައި ހޫނުކަމުގައި ދުނިޔެއިން 7 މިލިއަން މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ފަހުން އިޤްތިސާދީގޮތުން ދުނިޔެއަށް ކުރިމަތިވި އެންމެބޮޑު ކާރިޘާއަކީ 2007ވަނަ އަހަރާއި 2009ވަނަ އަހަރާއި ދެމެދު ކުރިމަތިވި ޙާލަތެވެ. "ދަ ގްރޭޓް ޑިޕްރެޝަން"އަށް ރިޢާއަތްކޮށް މިފަހަރުގެ ކާރިޘާއަށް ދީފައިވާ ނަމަކީ "ދަ ގްރޭޓް ރިސެޝަން"އެވެ.

މި ކާރިޘާ ހިނގަން މެދުވެރިވީ ދުނިޔޭގެ ގޯތިގެދޮރުގެ ވިޔަފާރި ނުވަތަ ހައުސިން މާރުކޭޓުގައި ފްލެޓްތަކާއި ޢިމާރާތްތަކުގެ އަގު އިންތިހާއަށް ދަށްވުމުގެ ސަބަބުންނެވެ. މިއާއެކު ލޯނުތައް ނުދެއްކި އެތައް ބޭންކެއް ބަނގުރޫޓުވެގެންދިޔައެވެ. ފައިސާ ނުލިބި އެތައް ވިޔަފާރިއެއް ބަނގުރޫޓުވިއެވެ. 8.7 މިލިއަން މީހުންގެ ވަޒީފާ ގެއްލުނެވެ.

ކޯވިޑް-19ގެ ސަބަބުން މާލީ ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅަކީ އަނެެއްކާވެސް ދުނިޔޭގެ އިޤްތިސާދު ނުރައްކަލަށް ހުށަހެޅިފައިވާ ދުވަސްވަރެކެވެ.

އިޤްތިޞާދީ މާހިރުން ލަފާކުރާގޮތުގައި މިފަހަރު ދުނިޔެ ކުރިމަތިލާނީ އިޤްތިސާދީ "ރިސެޝަން"އަކާތޯ ނުވަތަ "ޑިޕްރެޝަން"އަކާތޯ އެއީ އަދި ސުވާލެކެވެ.

ހީވެސް ނުކުރާހާ މިންވަރަށް ދުނިޔޭގެ އިޤްތިސާދު މިއަހަރު ދަށަށްދާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މީގެ ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް، މިހާރު ކުރިމަތިވެފައިވާ ހާލާތާއެކު ޤައުމުތަކުގެ އިޤްތިސާދުތަކަށް ހުއްޓިފައިވުމާއެކު، އައިއެމްއެފްއިންވަނީ ދުނިޔޭގެ އިޤްތިސާދު "ރިސެޝަނަކަށް" ދާނެކަމަށް ރަސްމީކޮށް އިޢުލާންވެސް ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓެލީނާ ޖިއޯރޖިވާ ދެއްވި ޚިތާބެއްގައި ވިދާޅުވީ ކޯވިޑް-19އާގުޅިގެން އިޤްތިސާދީ ގޮތުން ލިބޭ ގެއްލުން، 2009ވަނަ އަހަރަށްވުރެވެސް އިތުރުވާނެކަމަށެވެ. ކްރިސްޓެލީނާ ވިދާޅުވީ މި ޙާލަތުން އަރައިގަތުމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ކޯވިޑް-19 ކޮންޓްރޯލް ކުރެވިގެންނެވެ.

އައިއެމްއެފްގެ އިތުރުން ދުނިޔޭގެ އިޤްތިސާދީ ބޮޑެތި ބާރުތަކުންވަނީ މިއަހަރު، އިޤްތިސާދީ ބޮޑު ކާރިޘާއަކާ ދުނިޔެ ކުރިމަތިލާނެކަމަށް އަންދާޒާކޮށްފައެވެ. އެގޮތުން ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް %2.9އިން %2.4އިން ސައްތައަށް ދަށްވާނެކަމަށް އިޤްތިސާދީ މާހިރުން ލަފާކުރެއެވެ.

އިޤްތިސާދީގޮތުން "ރިސެޝަން"އޭ ކިޔަނީ ދުނިޔޭގެ އިޤްތިސާދުތައް ހީނަރުވެެގެންގޮސް ވިޔަފާރިކުރެވޭނެ ގޮތެއް ނެތް ޙާލަތަށްގޮސް ވިޔަފާރިތަކަށް ޢާމްދަނީ ލިބުން ހުއްޓޭ ހާލަތްތަށް ދިއުމަށެވެ. މިފަދަ ޙާލަތެއްގައި ޢާންމު ރައްޔިތުންނަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ކޮންމެ މީހަކުވެސް ސުވާލު އުފައްދާނެއެވެ.

ދުނިޔެ މިފަދަ ޙާލަތަކަށް ގޮސްފިނަމަ ވިޔަފާރިތަކަށް ފައިސާނުލިބި ބަނގުރޫޓުވުމަކީ ނުވެ ނުދާނެކަމެކެވެ. ވިޔަފާރިތައް ބަންދުކުރުމުގެ ނަތީޖާއަކަށްވާނީ ޢާމްދަނީ ލިބޭމަގު މުޅިން ބަންދުވުމެވެ. މީގެ އެންމެ ނުބައި ޙާލަތަކީ ކާބޯތަކެއްޗަށް ދަތިވެ ބަނޑުހައިހޫނުކަމުގައި އެތައްބަޔަކު ދުނިޔެ ދޫކުރަންޖެހުމެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް މިފަދަ ޙާލަތްތަކުގައި ކަންކަން ހިނގާފައި އޮތް ހިތާމަވެރިގޮތެވެ.

ދިވެހިރާއްޖެއަށް ބަލާނަމަ، ރާއްޖެއަކީ މިފަދަ ޙާލަތެއްގެ އަޘަރު އެންމެބޮޑަށް ކުރިމަތިވާނެ އެއް ޤައުމެވެ. ދިވެހިރާއްޖޭގެ އިޤްތިސާދު މައިގަނޑުގޮތެއްގައި ހިނގަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވަންނަ ފައިސާއިންނެވެ. ޤައުމަށް މިވަރުގެ ޢާމްދަނީ ލިބޭނެ އިތުރުމަގެއް ނެތެވެ. ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީވެސް މި ސިނާޢަތަށެވެ.

ކުރިމަތިވެފައިވާ އިޤްތިޞާދީ މިކާރިޘާއިން އަރައިގަތުމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ވިޔަފާރިތަކަށް ލުއިތައް ދީގެން ނަމަވެސް އިޤްތިސާދު މުޅިން "މަރުވިޔަނުދީ" ހިންގަން އެބަޖެހެއެވެ. ދިވެހި ސަރުކާރުން ދަނީ މިކަމަށް އެޅެންހުރި މުހިންމު ފިޔަވަޅުތައް އަޅުއްވަމުންނެވެ.

2020ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން %7.5އަށް ކުރިއަރާނެކަމަށް ސަރުކާރުން ކުރިން ލަފާކުރެއްވި ނަމަވެސް މިއަހަރު ރާއްޖޭގެ އިޤްތިސާދީ ދުވެލި %0.5 އާއި %5.6- އަށް ވެއްޓޭނެކަމަށް ސަރުކާރުން މިހާރު ވަނީ އަންދާޒާކުރައްވާފައެވެ. އަދި ދައުލަތަށް މިއަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް ދަށްވެގެންދާނެކަމަށްވެސް ސަރުކާރުން ވަނީ ލަފާކުރައްވާފައެވެ.

މިއީ އިޤްތިޞާދީ "ރިސެޝަން"އަކަށް ޤައުމު ހިނގައިދާނެކަމުގެ ޢަލާމާތެކެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ވަނީ މިޙާލަތުން އަރައިގަތުމަށް މުހިންމު އަވަސް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ރާއްޖޭގެ އިޤްތިސާދު ކޮޅަށްޖެހުމަށް މިހާރުވެސް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިޤްތިޞާދީ ޕެކޭޖެއް ތަޢާރަފްކުރައްވާފައެވެ.

އަދި ރާއްޖޭގެ އިޤްތިސާދުގައި ދައުރުވާ ފައިސާ އިތުރުކޮށް ޑޮލަރުގެ އަގަށް އަންނަމުންދާ އަސަރުތައް ކުޑަކުރުމަށް މަރުކަޒީ ބޭންކުން ދަނީ ބާޒާރުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރައްވަމުންނެވެ.