ޚަބަރު

ކޯވިޑް-19: ގަލޮޅުގެ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި


ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ގަލޮޅުގެ ގެއްގައި އުޅޭ މީހެއްގެ ގައިން ފެނުމާ ގުޅިގެން އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ގައިވަނީ ގަލޮޅު ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޯވިޑް 19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެނުމާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެހެން އެންގުމެއް އަންގަންދެން އެ ގެ މޮނިޓަރިންގެ ހާލަތަށް ލާފައިވާތީ މިކަމުގައި ޕޮލިހުން ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ގަލޮޅުގެ އެހެން ގެއެއްގައިވެސް މި ބައްޔާ ގުޅިގެން ކަރަންޓީން ކޮށްފައިވާ މީހަކު ހުރުމުގެ ސަބަބުން 14 ދުވަހުގެ މުއްދަތަކަށް އެ ގެޔަށް ވަދެ ނުކުތުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އަދި އެޗްޕީއޭގެ ހުއްދަޔާ ނުލާ އެ ގެޔަށް ވަދެ ނުކުތުމަކީ ކުށެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ރާއްޖެ އިން މިހާތަނަށް 18 މީހެއްގެ ގައިން ކޯވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

ކޯވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ޝައްކު ކުރެވިގެން މީގެކުރިންވެސް ވަނީ މާލޭގެ އިމާރާތަކަށް މީހުން ވަދެ ނިކުމެ ހެދުން މަނާކޮށްފައެވެ. މިގޮތަށް ގެތަކަށް ވަދެ ނިކުމެ ހެދުން މަނާކުރަނީ އެކަމާ ގުޅިގެން ކުރަންޖެހޭ ޓެސްޓްތަކުގެ ސާޕްޕަލްތައް ނަގާ އޭގެ ނަތީޖާ ލިބެންދެންނެވެ.