ޚަބަރު

ކޯވިޑް-19: އެންމެ މުއްސަނދި ސިނާއަތުން މިދަނޑިވަޅުގައި މުވައްޒަފުން ބިކަކޮށްގެން ނުވާނެ - މެމްބަރުން


އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ރިޒޯޓްތަކުގެ މުވައްޒަފުން ވަޒީފާއިންވަކިކޮށް ނިކަމެތި ކުރުމަކީ ބަލައިގަނެވޭ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ.

ކޯވިޑް 19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ އިޤްތިޞާދީގޮތުން އަރައިގަތުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ޕްލޭންގައި ހުރިހާ ދާއިރާއަކަށް ހަމަހަމަ ފުރުސަތު އޮތްކަމަށެވެ.

މިވަގުތަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ނިކަމެތި ކުރަންވީ ވަގުތުނޫން ކަމަށް މެމްމަބަރުން ވިދާޅުވިއެވެ. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ޞިއްޚީ ބޮޑު ހާސްކަމުގައި ރައްޔިތުން ނިކަމެތިވާގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އެންމެބޮޑު އެއްސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކުރުމަކީ ޤަބޫލުކުރައްވާ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރާ 40 އަހަރު ހޭދަކުރައްވާފައިވާ ފަރާތްތަކުން، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޚީ ގޮންޖެހުމުގެ މިދަނޑިވަޅުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްނިކަމެތި ކޮށްގެން ނުވާނެކަމަށެވެ. ރިޒޯޓްތަކުގެ ވެރިންނަކީ މީގެކުރިންވެސް އަހަރަކު ދެބައިކޮށްފަ އެއްބައިގަ ރިޒޯޓް ހިންގުމަށްފަހު ބާކީބައި ރިޒޯޓް މަރާމާތަށް ބަންދުކޮށްގެންވެސް މުސާރަދީ ހިންގަމުންދިޔަ ބައެއްކަމަށާއި އެހެންކަމުން މިދަނޑިވަޅުގައި އެތައްހާސް ބަޔަކު ނިކަމެތިވެ ވަޒީފާއިން ވަކިކުރުމަކީ ޤަބޫކުކުރެވޭ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިމައުޟޫގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ އިޤްތިޞާދީ ގޮތުން މިއަންނަ ލޮޅުންތަކުން އަރައިގަނެވޭނެ ގޮތަކަށް ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށާއި، އެނޫންވެސް ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ގޮތްތަކެއް ހޯދާދީފައިވާކަމަށެވެ.

މެމްބަރުންވަނީ މިދަނޑިވަޅުގައި ވަކިން ޚާއްސަކޮށް ކުރިއަށް ރޯދަމަސް އޮތްވައި އެއްވެސް އާއިލާއަކަށް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަކަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް ގޮވާލާފައެވެ. އަދި މިހާލަތުން އަރައިގަތުމަށްވެސް އެންމެބޮޑު ދައުރެއް އަދާކުރެވެން އޮތީ ރާއްޖޭގެ ބޮޑެތި ސިނާއަތްތަކަށް ކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.