ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާއާ ސިދާ ދިމާވެފައިވާ 29 މީހަކު ހޯމް ކަރަންޓީންގައި


ކޯވިޑް-19އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާއާ، ސީދާ ދިމާވި 29 މީހަކު ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު ހާމަކުރައްވައިފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ މިމަހުގެ 27ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހި މީހާއާއި ސީދާ ދިމާވި 29 މީހުން ހޯމް އައިސޮލޭޝަންގައި ބައިތިއްބައިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.

އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއައި ޢުމުރުން 38 އަހަރުގެ ދިވެހި މީހާ މިހާރު ކަރަންޓީނުކޮށް ދަނީ ފަރުވާދެމުންނެވެ. މިމަހުގެ 22ވަނަ ދުވަހު ރާއްޖެއައި މިމީހާގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން ފުރަތަމަ ޓެސްޓްކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. އަދި އެޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 27ވަނަ ދުވަހުއެވެ.

މަބުރޫކް ވިދާޅުވީ ހޯމް އައިސޮލޭޗަންގައި ބައިތިއްބާފައިވާ މީހުންނަށް އެއްވެސް ދަތިކަމެއްހުރިނަމަ އެކަން ހިއްސާކުރުމުން ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީސްތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.