ޚަބަރު

ކޯވިޑް-19 : މެލޭޝިއާއިންވެސް ބޭހެއް ޓެސްޓުކުރަނީ


ކޯވިޑް-19އާ ދެކޮޅަށް މެލޭޝިއާއިންވެސް ބޭހެއް ޓެސްޓުކުރަން ފަށައިފިއެވެ.

މެލޭޝިއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވިދާޅުވީ އެޤައުމު ހިމެނެނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން "ރެމްޑެސްވިރް" ނަމަކަށްކިޔާ ބޭހެއް ޓެސްޓުކުރުމުގެ ހުއްދަ ލިބިފައިވާ ޤައުމުތަކުގެތެރޭގައިކަމަށެވެ. އަދި ބޭސް ޓެސްޓުކުރުމުގެ ފުރިހަމަ ޤާބިލުކަން އެޤައުމަށް ލިބިފައިވާކަމަށާ، "ރެމްޑެސްވިރް"އަކީ އެބޯލާއަށް ދެމުންގެންދިޔަ ބޭހެކެވެ.

މެލޭޝިއާގެ ހެލްތު ޑިރެކްޓަރ ޑރ.ނޫރް ހިޝާމް ވިދާޅުވެފައިވަނީ މިޑްރަގްގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށެވެ. އެގޮތުން މިހާރު މިޑްރަގް ބޭނުންކޮށްގެން ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދާ މީހުންނަށް ފަރުވާކޮށް އަންނަމުންދާ ހުރިހާ ބަދަލެއް މޮނީޓަރކޮށް އަންނަ ނަތިޖާ ބަލަމުންދާކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ދުނިޔޭގެ ހުރިހާ ޤައުމެއް ގުޅިގެން ކޯވިޑް-19އަށް ފަރުވާއެއް ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. އެގޮތުން މިހާރުވެސް އެޖަމްޢިއްޔާއިން އަންނަނީ ކޯވިޑަށް 4 ފަރުވާ ބޭނުންކުރުމަށް އިރުޝާދުދެމުންނެވެ. މެލޭޝިއާގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބޭސް "ރެމްޑެސްވިރް"ގެ އިތުރުން މެލޭރިއާއަށް ދެމުންދާ ބޭހެއް ކަމަށްވާ "ކްލޮރޮކޭއިން"އާއި "ހައިޑްރޮކްސިކުއިން"އާއި އެޗްއައިވީއަށް ދެމުން އަންނަ "ލޯޕިންނަވިރް"އާއި "ރައިޓޯނަވިރް"ވެސް ކޯވިޑް-19އަށް ފަރުވާކުރުމުގައި ބޭނުންކުރުމަށްވަނީ އިރުޝާދު ދީފައެވެ. އެހެންނަމަވެސް މިއީ ކޯވިޑް-19އަށް ޚާއްސަ ފަރުވާއެއް ނޫނެވެ.

މެލޭޝިއާގައި މިހާތަނަށް ދެހާސް ފަސް ސަތޭކައަށްވުރެ ގިނަ މީހުނަށް ވައިރަހުގެ އަސަރުވަނީ ކޮށްފައެވެ. އަދި އެޤައުމުން ތިރީހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މެލޭޝިއާއިން ހާމަކުރާގޮތުގައި އެޤައުމުތަކުގައި ވައިރަހުގެ ސަބަބުން ބޮޑުވަރުވެފައިވަނީ ޢާއްމުގޮތެއްގައި ޢުމުރުން ދުވަސްވީ މީހުންނަށެވެ. ވައިރަހުގެ ހަގީގަތްތައް ހޯދުމަށް މިހާތަނަށް މަރުވި މީހުންގެ ކޭސްތައް އިތުރަށް ބަލަމުން އަންނަކަމަށް މެލޭޝިއާއިން ހާމަކުރެއެވެ.