ޚަބަރު

ކޯވިޑް-19 : ބައެއް މުވައްޒަފުންގެ ކަންކަން ނިންމަނީ ޤާނޫނާއި ހިލާފަށް - ލޭބަރ އޮތޯރިޓީ


ކޯވިޑް-19 އާއި ގުޅިގެން ބައެއް މުވައްޒަފުންނާއި ގުޅިގެން ބައެއް ނިންމުންތައް ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި ޢިނާޔަތް ނުދޭގޮތަށް (ނޯފޭ ލީވްގެ ގޮތުގައި، މުވައްޒަފުން ފޮނުވާލުމާއި، ވަޒީފާއިން
ވަކިކުރުންފަދަ ކަންކަން، ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުންގެންދާކަމުގެ ޝަކުވާތައް މިއޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުން އަންކަމަށެވެ. އެގޮތުން ކަންހިނގަމުން އަންނަގޮތް އެ އޮތޯރިޓީން ބެލިއިރު، މުވައްޒަފުންގެ
ކަންކަން ބައެއްފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށްވެސް ލޭބަރ އޮތޯރިޓީން ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތާ ގުޅިގެން، ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާތީ، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ސަރުކާރުން ލޯނު ދޫކުރުމާއި އެނޫންވެސް ގިނަގުނަ ލުއިތައް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖައްސައިދެއްވުމަށް ނިންމަވާފައިވާކަމަށް ލޭބަރ އޮތޯރިޓީން ވިދާޅުވެއެވެ. މިޢިނާޔަތް ދިނުމުގައި، މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް، މުވައްޒަފުންގެ ޙައްޤުތައް ފުރިހަމަޔަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށްވެސް ލޭބަރ އޮތޯރިޓީން ވިދާޅުވެއެވެ.

އެހެންކަމުން މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާގުޅުންހުރި ކަންކަން ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭގޮތުން
ލޭބަރ އޮތޯރިޓީއާއި އެކު މަޝްވަރާކުރެއްވުމަށާއި، އެއްވެސް މުވައްޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް ލޭބަރ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވަޒީފާދޭ އެއްވެސް ފަރާތަކުން، 01 މާރިޗު 2020 އިން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ޙާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމެވިގޮތުގެ ތަފްޞީލް، ލޭބަރ އޮތޯރިޓީއާއި އަންނަ މަހުގެ 15ވަނަދުވަހުގެ ކުރިން ހިއްސާކުރެއްވުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގަވާފައެވެ.

ކޯވިޑް-19 އާއި ގުޅުގިން ދިމާވާ އިގްތިސާދީ ހާލަތުން އަރާގަތުމަށް ސަރުކާރުންވަނީ ސްޓިމިއުލަސް ޕެކޭޖްތަކެއް ތައާރަފުކުރައްވާފައެވެ. މި ޕެކޭޖްގެ ތެރެއިން ބޭންކްތަކުގެ ލޯންތައް ފަސްކޮށްދިނުމާއި ދަރިވަރުންނާއި މަސްވެރިންނާއި ދަނޑުވެރިންނާއި ކުދި ވިޔަފާރިތަކަށް ހާއްސަ ޕްލޭންތައް ހިމެނެއެވެ.