ވިޔަފާރި

މިނިވަން ފަންސާހަށް ދިރާގުގެ ކަސްޓަމަރުންނަށް 2ޖީބީ ޑޭޓާ ހިލޭ


މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އެކުންފުނީގެ ފަރާތުން 2 ޖީބީގެ ހިލޭ ޑޭޓާ ހަދިޔާކޮށްފިއެވެ. ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ދިރާޤުގެ ފަރާތުން ވަނީ މިއަދު އެކުންފުނީގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 2ޖީބީގެ ހިލޭ އިންޓަރނެޓް ޑޭޓާ ހަދިޔާކޮށްފައެވެ. ދިރާގުން ބުނީ އެކުންފުނީގެ ފަރާތުން މިފަދަ ހަދިޔާއެއް ކަސްޓަމަރުންނަށް ދިނުމުގެ މަޤުސަދަކީ، ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރަމުންދާއިރު، އެފަރާތްތަކަށް މިނިވަންދުވަހުގެ އުފަލުގައި ބައިވެރިވެ، ދުވަހުގެ ތަހުނިޔާ އެކަކު އަނެކަކަށް ފޮނުވުމުގެ ފުރުސަތު ވިހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުންވެސް ދިރާގުންވަނީ އެކުންފުނީގެ ނުވަ ރީޖަނަލް ސެންޓަރެއް މެދުވެރިކޮށް، މިނިވަން ފަންސާހުގެ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތޮއިއްޕާއި، ދިދަ ބެހުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިއެވެ. އަދި ތުއްތުކުދިންނަށް ޚާއްސަކޮށްގެން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ހަވީރާއި، ހިނގާލުންފަދަ ތަފާތު ހަރަކާތްތައް އެކުންފުނިން ވަނީ ކުރިއަށްގެންގޮސްފައިއެވެ.