ޚަބަރު

ކޯވިޑް-19 : މާލެ ސަރަޙައްދުގައި ހިންގާ ކަސްރަތު ކުލާސްތައް ހުއްޓާލަން އަންގައިފި


މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެޗްޕީއޭއިން އަންގަވައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މިރޭ މެންދަމު 12:00އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

އެޗްޕީއޭގެ މިއެންގެވުމުގައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތަކާއި، އެނޫންވެސް އެފަދަ ކުލާސްތަކާއި ގުރޫޕް ކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާކަމަށެވެ.

މި އެންގުން ތަންފީޒު ކުރުމަށްޓަކައި އެންމެހައި އިދާރާތަކަށާއި ކަމާއިބެހޭ ފަރާތްކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.