ވިޔަފާރި

އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ފިޔާ ބިސް އަދި އަލުވި ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ މިއީ ރާއްޖޭގެ ބާޒާރުގައި މި ބާވަތްތަކުގެ އަގު އުފުލެމުންދާތީ އަގު ހެޔޮކޮށް ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތްދިނުމަށް އެޅި ފިޔަވަޅެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުޙައްމަދު ވިދާޅުވީ މުދާ ކޮންޓްރޯލްކޮށް ހެޔޮއަގެއްގައި ވިއްކުމަށް އެކުންފުނިން ނިންމާފައިވަނީ ބައެއް އަމިއްލަ ވިޔަފާރިތަކުން މުދަލުގެ އަގު ބޮޑުކުރަމުންދާތީކަމަށެވެ.

އެހެންކަމުން، މިތަކެތީގެ އަގު ވަކި ހަމައެއްގައި ހިފެހެއްޓުމަށް ކޮންމެ މީހަކަށް އެއްކިލޯ ފިޔާ، އެއްކިލޯ އަލުވި އަދި އެއް ޓްރޭ ބިހުގެ ރޭޓުން މުދާ ވިއްކުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން ބިސް ވިއްކަނީ 1.50 ރުފިޔާއަށެވެ. ފިޔާ އަދި އަލުވި ވިއްކަނީ 12 ރުފިޔާއަށް ކިލޯއެކެވެ.

އެހެންނަމަވެސް ބާޒާރުގައި މިތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. އެގޮތުން ބާޒާރުގައި ފިޔާ އަދި އަލުވި ކިލޯއެއް 30 ރުފިޔާއަށް ލިބޭއިރު ބިސް ވިއްކަމުން ދަނީ 2.50 ރުފިޔާއާއި އާއި 3 ރުފިޔާ ދެމެދުގެ އަގެއްގައެވެ.

ބާޒާރުގައި ބިސް ކޭސް ހުރީ 400 އާއި 550 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އަލުވި ބަސްތާ 300 އާއި 500 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ލިބެންހުރިއިރު ފިޔާ ބަސްތާގެ އަގު ވަނީ 650 ރުފިޔާއާއި ހަމައަށް އުފުލިފައެވެ.

މުދަލުގެ އަގު އުފުލިދާނެ ފަދަ ހާލަތެއްގައި މުދާ ކޮންޓްރޯލްކޮށްގެން ވިއްކާނެކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ވައިރަހުގެ ސަބަބުން ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް 10 މަސްދުވަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ސްޓޮކްކުރުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުންނެވެ.

އެގޮތުން ހޮނިހިރު ދުވަހު އިންޑިއާއިން 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑޫ ވަނީ ރާޢްޖެ ގެނެސްފައެވެ.