ޚަބަރު

ކޯވިޑް-19 : އަނދިރިކަމުގެ ތެރެއިންވެސް މިހަނގުރާމައިގެ ފަހުލަވާނުންނަށް ހޫނު ތަރުހީބެއް


ކޯވިޑް-19އާއި ގުޅިގެން މިއަހަރުގެ އަރތް އަވަރ ރާއްޖޭގައި ތަފާތުގޮތަކަށް ފާހަގަކޮށްފިއެވެ. އެގޮތުން މިއަހަރުގެ އަރތް އަވަރ ފާހަގަކޮށްފައިވާއިރު އާންމުންވަނީ ކޯވިޑާ ހަނގުރާމަކުރުމަށް ކުރި ސަފުގައި ހަރަތާތްތެރިވާ ފަރާތްތަކަށް ތަރުހީބުދީފައެވެ.

"އާރތު އަވަރ"އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ސަތޭކަ ހަތްދިހައަށްވުރެ ގިނަ ޤައުމުން ބައިވެރިވާ ޚާއްސަ ޙަރަކާތެކެވެ.

އަރތު އަވަރ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2007ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހާރު މިޙަރަކާތް މިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެމްޕެއިނަކަށްވެފައެވެ. މިއަހަރަކީ މެދުނުކެނޑި އަރތު އަވަރ ފާހަގަ ކުރަމުން އަންނަތާ 13ވަނަ އަހަރެވެ.

ވަރލްޑް ވައިޑް ފަންޑުން އިންތިޒާމްކުރާ އަރތު އަވަރ މިކެމްޕެއިނަކީ ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ހިއްވަރުދިނުމާ، ޢަމަލީގޮތުން މިކަމުގައި ބައިވެރިވުމަށް އެންމެންނަށް ލިބިގެންދާ ފުރުޞަތެކެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ބަލިމަޑުކަމުގައި ގެއިން ބޭރަށް ދިއުން މަދުކޮށް ގިނަ ޤައުމުތަކެއްގައި ލޮކްޑައުން އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި އަރތް އަވރ ރާއްޖޭގައިވެސް ފާހަގަކޮށްފައިވަނީ މިފަދަގޮތަކަށެވެ. ގޭގައި ތިބެގެން ގޭގައި ކަރަންޓު ބޭނުންކުރާ ހުރިހާ އާލާތްތަކެއް ބޭނުންކުރުން އެއްވަގުތެއްގައި ހުއްޓާލި މި ހިނދުކޮޅު ފެނިގެން ދިޔައީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކުވައިދިން ވަގުތު ކޮޅެއްގެ ގޮތުގައެވެ. އެގޮތުން އެވަގުތު އެކި ގޭގެ ބެލްކަނިތަކަށް ނިކުމެ އާއްމުންވަނީ ކޯވިޑް19ގެ މިބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަރުހީބުދީފައެވެ. އެވަގުތު ކޮޅުގައި ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވިކަން ސޯޝަލް މީޑިއާގައި އާންމުވި އެކި ޕޯސްޓްތަކުން ހާމަވާއިރު، މިކަމުން ދިވެހިންގެ މެދުގައިވާ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމުގެ ނަމޫނާ ސިފަވަނީ ފެނިގެންގޮސްފައެވެ.

މިއަހަރުގެ އަރތު އަވަރއާ ގުޅިގެން ބޮކިތައް ނިއްވާލި ދުނިޔޭގެ މަޝްހޫރު ބިނާތަކުގެ ތެރޭގައި، ފްރާންސްގެ ޕެރިސްގައި ހުންނަ އައިފްލް ޓަވަރ، ލަންޑަން އައި، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް، މިސްރުގެ ޕިރަމިޑުތަކާއި، ސިޑްނީގެ އޮޕޭރާ ހައުސް، ހޮންގް ކޮންގުގެ ވިކްޓޯރިއާ ހާރބަރ ހިމެނެއެވެ.

އާރތު އަވަރ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އެންމެފަހު ހޮނިހިރު ދުވަހުއެވެ.