ވިޔަފާރި

ކޯވިޑް-19 : އެއަރޕޯޓުގެ އޮޕަރޭޝަންތައް ބައެއް ގަޑިތަކަށް ހުއްޓާލުމަށް ނިންމައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ފްލައިޓް އޮޕަރޭޝަންތައް ރޭގަނޑު 9:00އިން ހެނދުނު 6:00އަށް ހުއްޓާލުމަށް ނިންމައިފިއެވެ.

ވީއައިއޭއިން ބުނީ މިގޮތަށް ނިންމާފައިވަނީ މި ދުވަސްވަރު އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ދަށްވުމާއި ގުޅިގެންކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވީއައިއޭގެ އެސޯސިއޭޓް ޖެނަރަލް މެނޭޖަރ ޙަސަން އަރީފް ވިދާޅުވީ އެއަރޕޯޓްގެ ރޭގަނޑުގެ އޮޕަރޭޝަންސްތައް ހުއްޓާލަން ނިންމާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. ރޭގަނޑު ނުވަޔަކުން ހެނދުނު ހަޔަކަށް އެއާޕޯޓުގެ އޮޕަރޭޝަންސްތައް ހުއްޓާލަން ނިންމާފައވާއިރު މި ގަޑިތަކުގައި މިހާރު އެއްވެސް ފްލައިޓެއް އެއަރޕޯޓުގައި ނުޖައްސާނެކަމަށް ޙަސަން ވިދާޅުވިއެވެ.

"މިރޭގެ އެންމެ ފަހު ފްލައިޓަކަށްވެސް އޮތީ އެމިރޭޓްސްގެ ފްލައިޓެއް. މި ފްލައިޓް ފުރާނެ މިރޭ 8:30ގައި. އޭގެ ފަހުން ޝެޑިއުލްގައި ނެތް އެއްވެސް ފްލައިޓެއް. އެހެންވީމަ ވަކި އެއްޗެއް އަނގަންދެން މުއްދަތެއް ނެތް ގޮތަކަށް މި ގަޑިތަކުގެ އޮޕަރޭޝަންސްތައް ހުއްޓާލުމަށް ނިންމާފައިވަނީ." ޙަސަން ވިދާޅުވިއެވެ.

މި ގަޑިތަކުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވީނަމަވެސް ސިއްޚީ ސަބަބުތަކަށް ބާއްވާ ފްލައިޓްތަކާއި ޝެޑިއުލްއިން ބޭރުން ބާއްވާ ފްލައިޓްތައް ތިން ގަޑިއިރު ކުރީގެ ނޯޓިސްއަކާއެކު ކުރިއަށްގެންދާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ގިނަ އެއަރލައިންތަކުން ވަނީ ދަތުރުފަތުރުކުރުން ހުއްޓާލާފައެވެ. ސަރުކާރުން ވަނީ މި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއަށް އޮންއެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލާފައެވެ.

އެހެންކަމުން، މިވަގުތު ރާއްޖެއިން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވޭނެއެވެ. މިއާއެކު އެއާޕޯޓުގެ އޮޕަރޭޝަންސްތައް ދަށްވެ އެއަރޕޯޓު މިހާރު ފެންނަނީ ވަރަށް ފަޅުކޮށެވެ.