ޚަބަރު

ކޯވިޑް-19 : ކަރަންޓީންކޮށްފައި ތިބޭއިރު އުސޫލާ ޚިލާފުވާ މީހުންގެ މައްސަލަ ބަލަނީ


ކަރަންޓީން ފެސިލިޓީތަކުގައި ޢަމަލުކުރަންޖެހޭ ޤަވާއިދުތަކާއި ބައެއް މީހުން ޚިލާފުވާ މައްސަލަ ބަލަމުންދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރިސޯޓްތަކުގައި ކަރަންޓީންކޮށްފައިތިބި މީހުންގެ ތެރެއިން ބަޔަކު ބޭރަށް ނުކުމެ އުޅޭކަމަށް ސޯޝަލް މީޑިއާގައި ދަޢުރުވާ ފޮޓޯތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ މައްސަލަތަކެއް އޮޕަރޭޝަން ސެންޓަރުގެ ސަމާލްކަމަށް އައިސްފައިވާކަމަށެވެ. މި މީހުންނާއި މެދު ޢަމަލު ކުރާނެ ގޮތްތައް ބަލަމުންދާކަމަށްވެސް މަބްރޫކްވަނީ ވިދާޅުވެފައެވެ. އެހެން މީހުންގެ ރައްކާތެރިކަމަށް ބަލައި ރިސޯޓްތަކުގައި ކަރަންޓީން ކޮށްފައި ތިބޭ މީހުން ޢަމަލުކުރަންޖެހޭ ޢުސޫލު އިތުރަށް ވަރުގަދަކުރަމުންދާކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

"ކަރަންޓީންގައި ތިބި މީހުންގެ ދެތިން މައްސަލައެއް އަބައޮތް. އެހެންނެތް ނޫޅެވޭނެ. މިކަން މިދަނީ ބަލަމުން. މިހާރު ބައެއް ފިޔަވަޅުތައް ހަރުދަނާކޮށްފައިވާނީ. އެހެން މީހުންނާއި ވަކިން އުޅެން ޖެހޭކަމާއި، އަދި ބީޗަށް ނިކުންނަ ނަމަ ވަކި ވަގުތުތަކެއްގައި އެކަނި ނިކުންނަން އަންގާފައިވާނީ" މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 824 މީހުން އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި، އަދި ބަލި ޖެހުނު މީހަކާއި ކޮންޓެކްޓް ވެފައިވާކަން ފާހަގަކޮށްފައިވާ މީހުންނެވެ.

ރާއްޖޭގައި ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި މުޅިންވެސް ބޭނުންކުރަމުން އަންނަނީ ރިސޯޓްތަކެވެ. ރިޒޯޓްތަކުގައި މީހުން ބައިތިއްބަނީ ވަކިން ކޮޓަރިތަކުގައެވެ. ޚާއްސަ ޚާލަތެއްގައި އަމިއްލަަށް އެދިގެން މެނުވީ ދެ މީހުން އެއް ކޮޓަރީގައި ބައިތިއްބާފައި ނުވާނެކަމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރުން މީގެކުރިންވަނީ ވިދާޅުވެފައެވެ.

ކަރަންޓީން ފެސިލިޓީގައި މިގޮތަށް ވަކިން މީހުން ބައިތިއްބާފައި ތިބެނީ ކޯވިޑް-19 މި ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން އެކަމަށް އޮތް ފުރުޞަތު ކުޑަކުރުމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން ރާއްޖެއިން މި ބަލި ޖެހިފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކަށެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީން ކުރުމަށްފަހު ހެދި ޓެސްޓުންނެވެ.

އެހެންކަމުން މިގޮތަށް ކަރަންޓީންގައި ތިބޭ މީހުން، ހެދިފައިވާ ޤަވައިދުތަކަށް ބޯލަނބައި ކަރަންޓީން މުއައްދަތުގައި ވީހާވެސް އެކަހެރިވެގެން ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިއީ ކަރަންޓީންގައި ތިބޭ އެހެން މީހުންނާއި، އެމީހުންނަށް ޚިދުމަތްދިނުމަށް ތިބޭ މީހުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެކެވެ.