ޚަބަރު

ކޯވިޑް-19 : މިފަހަރު އަރތު އަވަރ ފާހަގަކުރާނީ ގޭގައި ތިބެގެން


"އާރތު އަވަރ"އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ސަތޭކަ ހަތްދިހައަށްވުރެ ގިނަ ޤައުމުން ބައިވެރިވާ ޚާއްސަ ޙަރަކާތެކެވެ.

އަރތު އަވަރ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2007ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހާރު މިޙަރަކާތް މިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެމްޕެއިނަކަށްވެފައެވެ. މިއަހަރަކީ މެދުނުކެނޑި އަރތު އަވަރ ފާހަގަ ކުރަމުން އަންނަތާ 10ވަނަ އަހަރެވެ.

ވަރލްޑް ވައިޑް ފަންޑުން އިންތިޒާމްކުރާ އަރތު އަވަރ މިކެމްޕެއިނަކީ ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ހިއްވަރުދިނުމާ، ޢަމަލީގޮތުން މިކަމުގައި ބައިވެރިވުމަށް އެންމެންނަށް ލިބިގެންދާ ފުރުޞަތެކެވެ.

ނަމަވެސް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމާއިއެކު މި މުނާސަބާވެސް ފާހަގަކުރަން ޖެހިފައި މިވަނީ ގޭގައި ތިބެގެންނެވެ. މި ބަލިމަޑުކަމުގައި ގެއިން ބޭރަށް ދިއުން މަދުކޮށް ގިނަ ޤައުމުތަކެއްގައި ލޮކްޑައުން އިއުލާންކޮށްފައިވާ މި ދނޑިވަޅުގައި މިރޭގެ އަރތް އަވރ ރާއްޖޭގައި ފާހަގަކުރުމަށް ނިންމާފައި މިވަނީ މި ގޮތަށެވެ. އެގޮތުން ގޭގައި ތިބެގެން އަރތް އަވަރ ފާހަގަކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވަނީ ގޮވާލާފައެވެ.

ސްޓެލްކޯގެ ޓުވީޓް

މިފަހަރު ގޭގައި ތިބެގެން މި ގަޑިއިރު ފުރިހަމަކުރަން އިރުޝާދު ދީފައިވާއިރު، މިދަނޑިވަޅުގައިވެސް ޢާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް މިޙަރަކާތް ހިންގާ ފަރާތުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން މިގަޑިއިރުގެ ތެރޭ ވީހާވެސް ގިނަ ޢާލާތްތައް ނިއްވާލައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށް ދުނިޔެއަށް ނޭވާލުމަށް ފުރުސަތެއް ދެއްވަމާ ހިނގާށެވެ. އަދި އޮންލައިންކޮށް މިޙަރަކާތުގައި ބައިވެރިވަމާ ހިނގާށެވެ.

މިއަހަރުގެ އަރތު އަވަރއާ ގުޅިގެން ބޮކިތައް ނިއްވާލުމަށް ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު ބިނާތަކުގެ ތެރޭގައި، ފްރާންސްގެ ޕްރިސްގައި ހުންނަ އައިފްލް ޓަވަރ، ލަންޑަން އައި، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް، މިސްރުގެ ޕިރަމިޑުތަކާއި، ސިޑްނީގެ އޮޕޭރާ ހައުސް، ހޮންގް ކޮންގުގެ ވިކްޓޯރިއާ ހާރބަރ ހިމެނެއެވެ.

އާރތް އަވަރ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އެންމެފަހު ހޮނިހިރު ދުވަހުއެވެ.