ޚަބަރު

ކޯވިޑް-19 : ވިލިމާލެ ފޮގް ކުރަންފަށައިފި


ވިލިމާލޭގެ މަގުތައް ފޮގްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންގޮސްފިއެވެ. މާލެ ސިޓީ ކައުންސިލުން މިހާރު ދަނީ މާލޭގެ މަގުތައް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންންވެ.

މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ޓީމް ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި، ކްލޮރިން އަޅައިގެން މަގުތައް ސާފުކުރުމުގެ އިތުރުން، މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި، ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

މާލެ ސިޓީގެ މަގުތައް ސާފުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މާލޭގެ ހުރިހާ މަގަކާއި ހުޅުމާލޭގެ މަގުތައް މިހާރުވަނީ ސާފުކޮށްފައެވެ.

މަގުތައް ސާފުކުރުމުގެ ގޮތުން ޖަހާ ކްލޮރިން ފެނުން އެއްވެސް ޞިއްޙީ މައްސަލައެއް ކުރިމަތިނުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ. އަދި ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.