ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މެލޭޝިއާގެ އެހީއަށް އެދިއްޖެ


ކޯވިޑް-19އިން ރައްކާތެރިވުމަށް ފަރުވާ ހޯދުމަށް ބޭނުންވާ އެހީއަށް ރާއްޖެއިން މެލޭޝިއާގައި އެދިއްޖެއެވެ.

މި އެހީއަށް އެދިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މެލޭޝިއާގެ ފޮރިން މިނިސްޓަރ ދާތޯ ސެރީ ހަޝަމުއްދީން ތުން ހުސައިންއާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ޤައުމުގެ އިޤްތިޞާދުގެ ބޮޑުބައެއް ބަރޯސާވެފައިވާ ޤައުމެއްކަމުން، މިހާރު ކުރިމަތިވެފައިވާ ޙާލަތުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ދަނޑިވަޅުގައި ބޭރު ޤައުމުގެ އެހީއަށް ރާއްޖެ އިންތިހާއަށް ބޭނުންވެފައިވާއިރު، ކޯވިޑް-19އިން ރައްކާތެރިވެ ފަރުވާ ހޯދުމަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާގެ އެހީއަށް ފޮރިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިނިސްޓަރ ޝާހިދުވަނީ މެލޭޝިއާ މިހާރު ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެޤައުމުގައި ދިވެހި ގިނަ ރައްޔިތުންތަކެއް ދިރިއުޅޭއިރު އެފަރާތްތަކަށް މެލޭޝިއާ ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ކުރިއަށްއޮތްތަނުގައި ދެ ޤައުމު ގުޅިގެން ކޯވިޑް-19އާއި ދެކޮޅަށް ކުރާނެ މަސައްކަތާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ މެލޭޝިއާގެ ޚާރިޖީ ވަޒީރުގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރަށްވެސް ފޯނުން ގުޅުއްވާ ވާހަކަފުޅުދައްކަވާފައެވެ. މި ފޯން ކޯލްގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން މިހާތަނަށް އައިރު ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖަޔަ ޝަންކަރު ވަނީ އެ ޤައުމު ލޮކްޑައުންއަކަށް ގޮސްފައިވީނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ރާއްޖެއަށް ދޭ އެހީތަކަށް ހުއްޓުމެއް ނާންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ބޭސް ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޯވިޑް-19 އިން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޭރު ޤައުމުތަކުގެ އެހީއަށް އެދިފައިވާއިރު، ފޮރިން މިނިސްޓަރވަނީ މި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންންވެ. އެގޮތުން އެކި ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމްބަސީތަކާއި، ހައި ކޮމިޝަންތައް އަދި ކޮންސިއުލޭޓްތައް މެދުވެރިކޮށް ދިވެހިންގެ ޙާލަތު ދަނީ ބަލަމުންންވެ.