ޚަބަރު

ކޯވިޑް-19 : ﷲގެ ރަޙްމަތާމެދު އުންމީދު ކަނޑާނުލާ


ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑާލައި މާޔޫސް ނުވުމާއި، ދުޢާކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ޢިއުލާންކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މިއަދުވެސް މާލޭގައި ހުކުރުނަމާދު ކޮށްފައިނުވޭ. އެހެންނަމަވެސް އަތޮޅުތަކުގެ ރަށްރަށުގައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ޖަމާޢަތް ބާއްވާފައެވެ. ކޯވިޑް-19ގެ މި ޙާލަތުގައިވެސް އުންމީދު ކަނޑާނުލައި ﷲއަށް ދުޢާ ދެންނެވުމުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީނަމަވެސް އިޚްލާޞްތެރިކަމާ އެކު ތައުބާވެ، ހެޔޮ ޢަމަލު ކުރުމުން، މާތްﷲ އެކަލާނގެ އަޅުތަކުންގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވާނެކަން މާތްﷲވަނީ އަންގަވާފައިކަން ޚުޠުބާގައި ބަޔާން ކުރައްވާފައިވެއެވެ.

"ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ރަޙްމަތް، އެކަލާނގެ ޛާތުފުޅުގެ މައްޗަށް ލާޒިމުކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، ތައުބާވެ (ޢަމަލުތައް) އިޞްލާޙުކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމު ވަންތަ ރަސްކަލާނގެއެވެ." ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

މުސްލިމުންނަކީ ބަލިމަޑުކަމާއި، މުޞީބާތުގެ ވަގުތުގައި، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ބަޔަކު ކަމުގައި ވާންޖެހެއެވެ. އަދި ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާ ކުރުމާއެކު ސަބަބުތަކުގައި ހިފައި، ކަމާ ބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެކަމަށް ބަޔާންކުރައްވާފައިވެއެވެ.

"ލޮބުވެތި މުސްލިމް އަޚުންނޭވެ! ރަޙުމަތްފުޅު ތަނަވަސް ވެގެންވާ މިންވަރު ނިކަން ބަލާށެވެ! މީހަކު ނުބައި ޢަމަލެއް ކޮށްފި ނަމަ، އެމީހަކަށް ޖަޒާ ދެއްވަނީ، އެމީހަކު އެ ކުރި ޢަމަލަކާ އެއްވަރަށެވެ. ނަމަވެސް ހެޔޮ ޢަމަލެއް ކޮށްފި ނަމަ އެ ޢަމަލެއްގެ ޖަޒާ ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވަ އެވެ" ޚުތުބާގައި ވިދާޅުވެފައިވޭ.

ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ބޮޑު ގޮންޖެހުމާއެކު މުޅި ދުނިޔެވަނީ ހުއްޓުމަކަށްއައިސްފައެވެ. މިފަދަ ދަނޑިވަޅުތަކުގައި މުސްލިމުންނަށް އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ﷲއަށް ދުޢާ ދަންނަވައި ރައްކާތެރިކަމަށް އެދުމެވެ.