ވިޔަފާރި

އަމިއްލަ މަސައްކަތްތެރިންނަށް ވެސް އެސްއެމްއީ ލޯންތަކަށް އެދެވޭނެ - ފައްޔާޟް


އެސްއެމްއީ ޑިވެލޮޕްމަންޓް ފައނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯންތަކަށް އަމިއްލަ މަސައްކަތްތެރިންނަށްވެސް ކުރިމަތިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސްޑީއެފްސީން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ލޯންތައް މަދުކަމަށެވެ. އެހެންނަމަވެސް އަމިއްލަ މަސައްކަތްތެރިންނަށް މިހާރުވެސް އެއިދާރާއަށް ލޯނަށް އެދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިޞާދީ ހީނަރުކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ވަޒީފާއިން ވަކިކުރާ ފަރާތްތަކާއި އިނާޔަތް ނުލިބޭ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓަރުގައި ރިޕޯޓުކުރެވޭނެ ގޮތް އިކޮނޮމިކް މިނިސްޓްރީންވަނީ ހަމަޖައްސާފައެވެ. އެގޮތުން މިހާތަނަށް އެސެންޓަރަށް 104 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް ވަޒީފާއާއި ބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ޖޮބް ސެންޓަރަށް ހުށަހެޅޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދަނޑުވެރިކަމަށް އެސް.ޑީ.އެފް.ސީ.ން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާ މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައެވެ. އަދި އިތުރު ލޯނުތައް ދޫކުރުމަށްވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އަދި އެ ހަ މަސްދުވަހުގެ އިންޓަރެސްޓްވެސް މިހާރު ވަނީ ހަތަރެއް އިންސައްތައަށް ކުޑަކޮށްދީފައެވެ.

އޭގެ އިތުރުން، އެޗް.ޑީ.އެފް.ސީ. އިން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ ހަ މަސްދުވަހަށް ފަސްކޮށްދީފައެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރު މާޗުމަހު ސަރުކާރުން ހުޅުވާފައިވާ އިދާރާއެކެވެ.

މިއިދާރާ މެދުވެރިކޮށް ކުދި ވިޔަފާރިއާއި މެދު ފަންތީގެ 440 ވިޔަފާރިއަކަށް 543 މިލިއަން ރުފިޔާގެ ލޯނު މިހާތަނަށް ވަނީ ދޫކޮށްފައެވެ.