ޚަބަރު

ކޯވިޑް-19 : ދުނިޔޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ބައިމިލިއަނަށްވުރެ މައްޗަށް


ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައިމިލިއަނަށް ވުރެ މައްޗަށް ހިގައްޖެއެވެ.

ކޯވިޑް-19 ޖެހުނުމީހުންގެ ޢަދަދު ބައިމިލިއަނަށް ވުރެ މައްޗަށް ގޮސް، ބަލީގައި މަރުވި މީހުންގެ ޢަދަދު މިއަދުގެ ނިޔަލަށްވަނީ 23،000 އަށްވުރެ މައްޗަށް އަރައިގެން ގޮސްފައެވެ. ބަލީގައި މިހާތަނަށް ރަގަނޅު ވެފައިވަނީ 123،000 މީހުންނެވެ. ބަލީގައި މިހާރުވެސް ސީރިއަސް ހާލަތުގައި 19،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ފެބުރުއަރީމަހުގެ 22އިން މިމަހުގެ 22ގެ ނިޔަލަށް ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ އިންތިހާޔަށް މައްޗަށް އަރައިގެން ގޮސްފައެވެ. ކޮންޓްރޯލެއްނެތި ބަލި ފެތުރެމުންދާއިރު، މި މުއްދަތުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ މިހާރު އެންމެބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ޔޫރަޕުގެ ޤައުމުތަކުގައެވެ. މިބަލި އެންމެފުރަތަމަ ފެނުނު ޗައިނާއިން ގާތްގަނޑަކަށް މިބަލިން އަރައިގަނެވި އާންމު ދިރިއުޅުމަކަށް ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ޔޫރަޕްގެ ބޮޑެތި ޤައުމުތަކުން ދަނީ ބައްޔާއި ދެކޮޅަށް ބޮޑު ހަގުރާމައެއްކުރަމުންނެވެ.

ކޯވިޑްގެ ނުރައްކާ އެންމެ ބޮޑުކަމަށް ދައްކާ އިޓަލީ ވިލާތުން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އިޓަލީން މިހާތަނަށް 8،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ކޮންޓްރޯލްނުވެ އެންމެ ހަލުވިކޮށް ފެތުރެމުންދަނީ އެމެރިކާގައެވެ. އެމެރިކާގައި 75،000 އަށްވުރުގެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު މިބަލީގައި އެމެރިކާއިން ހާހަކަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން، ޖަރުމަން، އިރާން، ފްރާސް ހިމެނެއެވެ. މިޤައުމުތަކުން ދަނީ ބަލި ކޮންޓްރޯލްކޮށް ފެތުރަ ދުނިނުމަށް ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އަދި މިދަނޑިވަޅުގައި އެޤައުމުގެ ސަރުކާރުތަކުން އަންގާ އެންމެގުންތަކަށް އަމަލުނުކުރާ މީހުންނާއިމެދު ބޮޑެތި ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.